ރައީސް އަބްދުﷲ ޔާމީން އަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން، "ނޫކަށިފުރައިގެ ޒުވާނުން" މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަދި އެމް.ޑީ.އޭ ގެ އިތުރުން ޑީ.އާރު.ޕީ ގެ ޔޫތް ވިންގު އިން އިސްނަގައިގެން، "ރުމާލު 2" ޖަގަހައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މި ޖަލްސާ ފެށުމަށް ހަމެހިފައިވަނީ މިރޭ 08:30 ގައެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީ.ޕީ.އެމްގެ ޔޫތް ވިންގުގެ ފަރާތުން އިބްރާހިމް ސައީދު ވިދާޅުވީ ޕީ.ޕީ.އެމް އާއި އެމް.ޑީ.އޭ އަދި ޑީ.އާރު.ޕީ ގެ ޔޫތް ވިންގުން ކުރިއަށް ނެރެނީ "މަގޭ ދީނާއި މަގޭ ޤައުމު" ކަމަށާއި މިރޭގެ ޖަލްސާއަކީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި ޒުވާނުން ތިބިކަން ސާބިތުކޮށްދިނުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

އިބްރާހިމް ސައީދު ވިދާޅުވީ, މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ޤައުމަށްޓަކައި އަދި ރައީސް ޔާމީން ޤައުމަށް ގެނެސްދެއްވަމުންދާ އިންޤިލާބީ ބަދަލުތަކާއެކު ކުރިއަށް ވަޑައިގަތުމަށް ފުރުޞަތު ދިނުމުގެ ގޮތުން، "ވަރަށް ވާންކޮށް ރައީސް ޔާމީނާއެކު" ގެ ނަމުގައި މިރޭ ޒުވާނުން ބާއްވާ ޖަލްސާގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުން އެދޭކަމަށެވެ.

މިޖަލްސާގައި ވީހާވެސް ގިނަ ޒުވާނުންނަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި، މި ތިން ޕާޓީގެ ޔޫތް ވިންގުގެ އެދުމަކީ، ލޮބުވެތި ހުރިހާ ޒުވާނުން މި ޖަލްސާއަށް ވަޑައިގެން ޝުއޫރުތައް ހިއްޞާކުރެއްވުން ކަމަށްވެސް އިބްރާހިމް ސައީދު ވިދާޅުވިއެވެ.

"މިރޭގެ ޕޯޑިއަމް ވަނީ ހުޅުވާލެވިފައި، ތިޔައިން ކޮންމެ ޒުވާނަކަށްވެސް ޕޯޑިއަމްއަށް ވަޑައިގެން ރައީސް ޔާމީނާއި އެކުގައި ޒުވާނުންގެ އަޑު އިއްވާދިނުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" އިބްރާހިމް ސައީދު ވިދާޅުވިއެވެ.

1 ފެބުރުވަރީގައި ޤައުމަށް އައި ބޮޑު ތޫފާން، ފަނޑިޔާރުން ގެނައި ބަޣާވާތާއި ގުޅިގެން ޒުވާނުން އަންނަނީ އަޑު އުފުލަމުން ކަމަށާއި، ޒުވާނުން އަބަދުވެސް ބޭނުންވަނީ ހަމަޖެހުމާއި ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން ކަށަވަރު ކުރަން ކަމަށާއި ޤައުމު ހަލަބޮލިކޮށް ޤައުމަށް ބޭރުގެ ސިފައިން ގެނެސް މިނިވަންކަމާއި އިސްތިޤްލާކާ ކުޅުމަށް ޒުވާނުން ފުރުޞަތު ނުދެއްވާނެ ކަމަށްވެސް އިބްރާހިމް ސައީދު ވިދާޅުވިއެވެ.

މިރޭ "ރުމާލު 2" ޖަގަހައިގައި ބާއްވާ "ވަރަށް ވާންކޮށް ރައީސް ޔާމީނާއެކު" ޖަލްސާއަށް އެންމެހާ ޒުވާނުންނަށް ދައުވަތު އަރުވާފައިވާއިރު، މިރެއަކީ "ނޫކަށިފުރައިގެ ޒުވާނުން" ތިބީ ކިހިނެތްކަން ދައްކާލާނެ ރެއެއްކަމަށް ޕީ.ޕީ.އެމް އަދި އެމް.ޑީ.އޭ ގެ އިތުރުން ޑީ.އާރު.ޕީ ގެ ޔޫތް ވިންގު އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު