މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ސީރިއަސް އަނިޔާތަކެއް ލިބުނު ބަންގްލަދޭޝް އަންހެން ކުއްޖާއަށް ބީ ޕޮސިޓިވް ލޭ ހަދިޔާކުރުމަށް ސިޓީ ކައުންސިލާއި އައިޖީއެމްއެޗުން ބުނެފިއެވެ.

މާފަންނު ނަލަހިޔާ ކައިރީގައި ޑަބްލިޔު ކޮންސްޓްރަކްޝަންސްއިން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންސި ބަސްތާއަކުން ކުއްޖެއް ގައިގައި ޖެހިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މެންދުރު ކުރީ 10:45 ގައެވެ. އެ ޙާދިސާއާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ މާލޭގައި އިމާރާތް ކުރުމުގެ ކަންކަން ހުއްޓުވާފައެވެ. އަދި، މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކުރުމަށް އަންގަވާފައިވާކަމުގައެވެ.

އެ އިމާރާތުން ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ފ. އަތޮޅުގެ ރަށެއްގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ، އުމުރުން ނުވަ އަހަރު އަންހެން ކުއްޖަކަށެވެ. އެ ކުއްޖާ ސާޖަރީއަށްފަހު މިހާރު ކްރިޓިކަލް ކަންޑިޝަންގައި އޮތް އިރު، އެ ކުއްޖާގެ ގައިން ގިނަ އަދަދެއްގެ ލޭ ވަނީ މަދުވެފައެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، އެ ކުއްޖާގެ ފަރުވާއަށް ވަރަށް ގިނަ އަދަދެއްގެ ލޭ ބޭނުންވާ ކަމަަށެވެ. ހާއްސަކޮށް ސާޖަރީއަށް ގިނަ އަދަދެއްގެ ލޭ ބޭނުންވާތީވެ، އައިޖީއެމްއެޗްއަށް ގުޅައިގެން ވީހާވެސް ގިނަ ފަރާތްތަކަކުން ލޭ ހަދިޔާކޮށްދެއްވުމަށް ޝިފާ އެދިލެއްވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ މިވަގުތު އައިޖީއެމްއެޗުން އެންމެ އިސްކަމެއް ގޮތުގައި ބަލަމުން އަންނަ ކޭސްއަކީ އަނިޔާވވި ކުއްޖާގެ ކޭސް ކަމަށެވެ.

އަނިޔާވި ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ މިނިސްޓަރުންވެސް ހަމްދަރުދީގެ މެސެޖުތައް ފޮނުއްވާފައިވާ އިރު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަނީ އަނިޔާވި ކުއްޖާގެ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ވަގުތުތުން ވަގުތަށް ބެލުމަށްވެސް ރައީސް ސޯލިހް އަމުރުކުރައްވާފައިވެއެވެ.