ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުން އަންނަ "މަންތާ އެއާ"ގެ ފްލީޓުގައި ހިމެނޭ ދެވަނަ ފްލައިޓްވެސް ރާއްޖެ އަތުވެއްޖެއެވެ.

މަންތާ އެއާއިން ރާއްޖެ ގެނައި ދެވަނަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އޭޓީއާރް 72-600 މަރުކާގެ އެ މަތިންދާ ބޯޓަކީ، މަންތާއިން ފުރަތަމަ ގެނައި މަރުކާގެ މަތިންދާ ބޯޓެކެވެ.

މިއަދުގެ ފްލައިޓް ރާއްޖެއަށް އައިސްފައި ވަނީ އޮމާންގެ މަސްކަޓުން ފުރައިގެންނެވެ. މަންތާ އެއަރގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އުދުހުންތައް ފެށުމުގެ ގޮތުން މިހާތަނަށް ދެ މަތިންދާބޯޓު ވަނީ ގަނެސްފައެވެ.

މަންތާގެ އުދުހުންތައް ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ފުރަތަމަވެސް ރާއްޖޭގެ ތިން އެއަރޕޯޓަކަށް ދަތުރުތައް ކުރުމަށްވަނީ ނިންމާފައެވެ. އެއީ، ބ. ދަރަވަންދޫ އެއަރޕޯޓާއި، ދ. ކުޑަހުވަދޫ އެއަރޕޯޓު އަދި ތ. ތިމަރަފުށީ އެއަރޕޯޓެވެ. މީގެއިތުރުން، ބައެއް އަތޮޅުތަކަށް ސީޕްލޭންގެ ޚިދުމަތްތައް ދިނުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މި އެއަރލައިނުގެ އުދުހުންތައް ފެށުމުން، މަންތާ ވެގެންދާނީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިންވަނަ އެއަރލައިނަށެވެ.