މިފެށޭ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރުމުގައި ބައްލަވާނީ 2018 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ފޯމު ހުށަހަޅުއްވާފައިވާ އަދަދަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، ފައިސާ ދޫކުރުމުގައި ބައްލަވާނީ އެ މުއްދަތުގެ ނިޔަލަށް އީސީއަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން ޞައްޚަ ފޯމްތަކުގެ އަދަދަށް ކަމަށެވެ.

"ޑިސެމްބަރ 31 ގެ ނިޔަލަށް މެމްބަރޝިޕް ފޯމް ހުށަހެޅުއްވުމަށް ޕާޓީތަކުން ސަމާލުވެލައްވާ، ސިޔާސީ ޕާޓީތަކަށް ފައިސާ ލިބިލައްވާނީ ޑިސެމްބަރ 31 ގެ ނިޔަލަށް ހުށަހަޅުއްވާ ފޯމްތަކުގެ ތެރެއިން ޞައްޚަ ފޯމްތަކުގެ ނިސްބަތުން." އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ހަވަނަ ބާބުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައާއި، 0.2 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ސިޔާސީ ޕާޓަކަށް ފައިސާ ދޭންވާނެ ކަމަށެވެ. އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ބުނާގޮތުންނަމަ އެ ފައިސާ ބަޖަންޖެހެނީ، ސިޔާސީ ޕާޓީގައި މެންބަރުން ތިބޭ ނިސްބަތުންނެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން އެ ޕާޓީއެއްގެ މައިގަނޑު މަޤްޞަދުތައް ހާސިލްކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން އެނގެން އޮންނަންޖެހޭއިރު، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) އިން ލާޒިމްކުރެއެވެ.

ކުރިއަށް އޮތް 2019 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 30.25 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވާއިރު، ޤާނޫނާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނަމަ، 30 މިލިއަނާއި، 60 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް ބަހަންޖެހޭނެއެވެ.

ބަޖެޓުން ކަނޑައަޅާ ފައިސާ ބަހަންޖެހެނީ ސިޔާސީ ޕާޓީގައި މެންބަރުން ތިބި އަދަދަށް ކަމަށްވާއިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެންމެ މެންބަރުން ގިނަ ޕީޕީއެމްގައި ތިބީ 48129 މެންބަރުންނެވެ. ދެވަނައަށް އެންމެ މެންބަރުން ގިނަ އެމްޑީޕީގައި 29008 މެންބަރުން ތިބިއިރު، ތިންވަނައަށް އެންމެ މެންބަރުން ގިނަ އެމްޑީއޭގައި ތިބީ 10648 މެންބަރުންނެވެ. ހަމައެއާއެކު ޖުމްހޫރީ ޕާޓީގައި 10090 މެންބަރުން ތިބިއިރު، އަދާލަތު ޕާޓީގައި ތިބީ 6795 މެންބަރުންނެވެ. އަދި ޑީއާރުޕީގައި ތިބީ އެންމެ 3381 މެންބަރުންނެވެ.

އަލަށް ތިން ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު، ދެ ޕާޓީއަކުން ވަނީ 3000 މެންބަރުންގެ ސޮއި ހޯދާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދިވެސް އިތުރު ސިޔާސީ ޕާޓީތައް ވުޖޫދުވުމުގެ މަގުމަތީގައި އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިފެށޭ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރުމުގައި ބައްލަވާނީ 2018 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އީސީން ވިދާޅުވިއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށް މެންބަރުން އިތުރުކުރުމުގެ ތެރޭގައި 30000 އަށްވުރެ އަދަދެއްގެ މެންބަރުން އެ ޕާޓީއަށް އަލަށް ވަދެފައިވާކަމަށް އެމްޑީޕީން ބުނެފައިވާއިރު، ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބޮޑު ބަދަލެއް އައުން އެކަށީގެންވެއެވެ.

2018 ވަނަ އަހަރު ނިމެން 13 ދުވަހަށްވެފައިވާއިރު 2018 ވަނަ އަހަރުގެ ބަޖެޓުން ޕީޕީއެމް އަށް ލިބެންޖެހޭ ފައިސާގެ ބޮޑު ބައެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ހިފަހައްޓާފައެވެ. ސްޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ ލީޑަރޝިޕާ ގުޅޭ މައްސަލަ ނިމެންދެން ފައިސާ ނުދީ ހިފަހައްޓާފައިވާއިރު، ޕީޕީއެމް އިން ބުނެފައިވަނީ އެ ފައިސާ އެގޮތަށް ނުހިފެހެއްޓޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    އެވެސް ދޭނެކަމެއްނެތް ސަރިއްޕެ މެން ކާލެވޭތޯ ބަލާ. ތިޔަތިބީ ފިސާރި އައިނީޑް ސަމް ކޭޝް މީހުނެއްނު ކުއްޓި ނޫނަކަސް.