ގދ. ތިނަދޫގައި ފެނަކަ ކޯޕަރޭޝަން އިން ދެމުން ދިޔަ ފެނުގެ ޚިދުމަތަކަށް ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާއިރު، އެރަށުގައި 300 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކަ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފެން ޕްލާންޓު އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެއެވެ.

"ތިނަދޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 300 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓާ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް ޙިއްސާ ކުރަމެވެ." ފެނަކަ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެކުންފުނީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ތިނަދޫގެ އެކި ހިސާބުތަކުން މި ވަގުތު ފެނުގެ ޚިދުމަތް ކެނޑިފައިވަނީ އެޚިދުމަތް ދިނުމަށް ބޭނުންކުރަމުން ދިޔަ 150 ޓަނުގެ ފެން ޕްލާންޓަށް ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.

މީގެއިތުރުންވެސް، ބަޔާނުގައި ބުނެފައިވާ ގޮތުން މައްސަލަ ހައްލުކުރަމުންދާ ވަގުތުވެސް ރަށުގެ އެކި ހިސާބުތަކުން އެކި ވަގުތު ފެނުގެ ޚިދުމަތް ކެނޑިދާނެއެވެ.

ފެނަކަ ކުންފުނިން ވަނީ މި ޚައްޞާސީ ވަގުތުގައި ތިނަދޫގެ ރައްޔިތުން އެކުންފުންޏަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.