ގދ.މާވާރުލުގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު ޓްއަރިޒަމް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެއާޕޯޓް އެޅުމަށް ޓްއަރިޒަމް މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު ވަނީ ފަހުމު ނާމާއެއްގައި ސޮއިކޮށްފައެވެ.

ފަހުމު ނާމާގައި ސޮއިކުރެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މާވާރުލުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ވަރަށް ބޭނުންފުޅުވި ކަމެއް ކަމަށާއި އެއާޕޯޓް ހަދަން ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމުގައެވެ. އަދި މާވާރުލުގައި އެއާޕޯޓެއް އެޅުމުން ގދ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީފައިވޭ މާވާރުލުގައި އެއާޕޯޓެއް އެޅުމަށް. މާވާރުލުގައި އެއާޕޯޓެއް އެޅުމަކީ އެތަކެއް އަހަރެއް ވަންދެން އެއަތޮޅުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް. އެހެންކަމުން މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމާއި އެކު އިރާދަކުރެއްވިއްޔާ އެ އަތޮޅުގެ ރައްޔިތުންގެ ހުވަފެން ހަޤީގަތަށްކަށް ވުމުގެ އަމަލީ މަސައްކަތް މިފެށުނީ. " މިނިސްޓަރ ވިދާޅުވިއެވެ.

އަދި މާވާރުލުގައި އެއާޕޯޓެއް އަޅާއިރު އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ އެރަށުގައި އެއާޕޯޓް އެޅުމަށް ފަސޭހަވެގެން ދާނެ ކަމުގައެވެ. އަދި އެއާޕޯޓްގެ ބައެއް މަސައްކަތްތަށް ނިމިފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު އެމްޓީސީސީއިން އަޅަމުންދާ ދެ އެއާޕޯޓާއި އެކު މާވާރުލުގެ އެއާޕޯޓްވެސް ނިންމާލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޓީސީސީއަށް ގެނައި މަހާ ޖައްރާފްގެ ސަބަބުން އެ ކުންފުނީގެ ހިދުމަތްތަށް ފުޅާވެ ފަސޭހަ ކަމާއި އެކު ހިދުމަތްތަށް ދެވުމުގެ މަގު މިހާރު ފަހިވެފައިވާ ކަމުގައިވެސް މިނިސްޓަރ ޒަމީރް ވިދާޅުވިއެވެ.

އެގްރިމެންޓްގައި ސޮއިކުރެވުނު ދުވަހުން ފެށިގެން 160 ދުވަސްތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރާގޮތަށް ހަމަޖެހިފައިވާ މާވާރުލުގެ އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި10220 ފޫޓް ހުންނާނެ އެވެ. އަދި އެރަށުގައި އެއާޕޯޓް އެޅުމަށް ޖީއެސްޓީއާއި އެކު 57 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މާވާރުލުގައި ހަދާ އެއާޕޯޓާއިނ އެކު ކުޑަ ޖެޓީއަކާއި ޓެކްސީވޭ އެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.