އޭރު އަހަރެންގެ އުމުރުން 5 އަހަރެވެ. ނަމަވެސް އެދުވަހުގެ ބިރުވެރިކަން މިއަދުވެސް ހިތަށް ގެނެވެއެވެ. ސުނާމީގެ ބިރުވެރި ހަނދާންތަކެވެ.

26 ޑިސެންބަރ 2004 ވަނަ ދުވަހުގެ ހެނދުނެވެ. ހެނދުނުގެ ސައި މަންމައާއެކު ބުއިމަށްފަހު މަންމަ ހިނގައިގަތީ މަންމަގެ ރަޙްމަތްތެރިއެއް ލައްވާ މާލެއިން ގެނައި ފޮތް ދަބަސް ބަލާ އެނގެއަށެވެ. މަންމައާއެކު ދިއުމަށް ކިތަންމެ ބޮޑާ ހޭކި ނަމަވެސް ވަރަށް އަވަހަށް އަންނާނަމޭ ބުނެ ދައްތެމެން ކައިރީ އަހަރެން ބަހައްޓާފައި މަންމަ ދިޔައީ ރަޙްމަތްތެރިޔާގެ ގެއަށެވެ. ދައްތަމެން އޭރު ތިބީ ވަރަށް އަޑުބާރުކޮށްގެން ޓީވީއިން ދައްކާ ލަވައެއް ރިކޯޑް ކުރާށެވެ. ނަމަވެސް ލަވަ އަޑު އެހުމަށާއި ބެލުމަށް އެހާ ގަޔާވާ މީހަކަށް އޭރުވެސް ނުވާތީ އަހަރެންވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ހަމަ ވަންތަނާ އަހަރެންގެ ލޮލުގައި އަޅައިގަތީ ބޭބެއެއް އެ އަހަރު ޙައްޖަށް ގޮސްފައި ގެނެސްދިން ކެސޭޓް ޓޭޕެކެވެ. އެއީ ޤުރުއާން ޓޭޕެކެވެ.

ޓޭޕް ހިފައިގެން ދައްތަމެން ކައިރިއަށް ސިޓިންގް ރޫމަށް ނިކުތީމެވެ. އަދި އަހަރެންނާއެކު، ކާގޭގައި ހުންނަ ކެސޭޓް ޕްލޭޔަރ ކައިރިއަށް ޤުރުޢާން ޖަހާ ދިނުމަށް އެދި ދިއުމަށް އާދޭސް ކުރީމެވެ. ނަމަވެސް އަހަރެންނާ ދޮއްޓަށް ތިބި ތިން ދައްތަ ކުރެން އެއްވެސް މީހަކު އަހަރެންނާއެކު ޤުރުޢާން ޖެހުމަށް ދިއުމަށް އެއްބަހެއް ނުވިއެވެ. މަންމަ އަދި ބައްޕަވެސް ގޭގައި ނެތުމުން ގޭގެ އެންމެ ހަގަށް ހުރުމުން ލިބޭ ބާރު ބޭނުން އެއްވެސް ގޮތަކަށް ނުހިފުނެވެ. އަހަރެންނާއެކު ދާނެ މީހެއް ނުވުމުން ޓޭޕް ދެކޮޅަށް އަބުރާލަ އަބުރާލާ ސިޓިންގްރޫމްގެ ތެރޭގައި އަހަރެން ހުރީމެވެ.

ކުއްލިއަކަށް އަހަރެންނަށް އިވުނީ ބާރު އަޑެކެވެ. ދުވެފައި ގޮސް ދައްތަ ގައިގައި އޮޅުލައިގަތީމެވެ. އެވަގުތު ފެނުނީ ގޭގެ ދޮރުން ވައްދާލި ކުޑަ ލުނު ކޮޅެކެވެ. އިސާހިތަކު އުފަލުން ފޮޅުނެވެ. އަހަރެންނަށް ހީކުރީ ރާޅު ބޮޑުވެ، އުދަ އަރަނީ ކަމަށެވެ. އޭގެ އެއް ދުވަސް ކުރިން އަތިރި މައްޗަށް ގޮސް އުދަބޮޑުވޭ ތޯ ވެސް އުޅުނީމެވެ. އަދި އަތިރިމަތި ސާފުކޮށް ކުނި ބުނި ނަގާ ހެދީމެވެ. ނަމަވެސް ކޮންމެވެސް ގޯހެއް އުޅޭކަން ރޭކާލީ މަގުމަތިން ބަޔަކު ހަޅޭލަވާ އަޑު އިވުމުންނެވެ.

"އާޅަކުން ނޭ މިރަށެއް ވާނެތޭ، މިޔޯ ގިޔާމަތްވަނޫހޭ!" ކިޔާ މީހުން ހަޅޭލަވަން ފެށިއެވެ. އަހަރެންގެ މެދަށް ހުރި ދައްތަ އާއެކު ގޭގެ ބޮޑު ގޭޓުން އަހަރެން ބޭރަށް ބޯ ދިއްކޮށްލީމެެވެ. އެވަގުތު ބިރުން ގޮސް މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ރުއްތަކުގެ މަތިން އެއަންނަނީ ބޮޑު ރާޅެކެވެ.

އަހަރެންގެ އަތުގައި ލެވުނު ބާރަށް ލާ ހިފާ ގޭ އެތެރެއަށް އަހަރެންގެ ދައްތަ އަހަރެން ވެއްދިއެވެ. އަދި ރޭގަނޑު ޑިއުޓީގައި ހުރެފައި އައިސް ނިދާފައި އޮތް ބޭބެއަށް ގޮވަން ފެށިއެވެ. އެހެންނޫނީ ގޮވާ ގޮވާ ކަރުން ހަންދާއިރުވެސް ހިއްލާ ނުލާ ބޭބެ، އެންމެ ފަހަރަކު ގޮވާލިއިރަށް ހުރީ ދިމާކޮޅަށެވެ. ކުއްލިއަކަށް ލޮނުގަނޑު ބޮޑުވެ އަހަރެންގެ ތުންފަތާއި ހަމަވިއެވެ، އެވަގުތު ބޭބެ އަހަރެންނަގާ ބޭބެގެ ކޮނޑަށް ލިއެވެ. އަދި އަހަރެން ގޮވައިގެން ގޭ ދޮރުމައްޗަށް ނިކުތެވެ. އަދި ގޭތެރޭގައި ތިބުމަށް އަހަރެންގެ ތިން ދައްތަ ކުރެން ބުންޏެވެ. އަދި އަހަރެމެންގެ ކާފަގެ ގައިގަ ރަނގަޅަށް ބެއްދުމަށްވެސް ދައްތަމެން ކައިރި ބުންނެވެ. އޭރު ކާފަ، ކޮޓަރިން ނިކުމެ، މިވަނީ ކީތްތޯ ސުވާލު ކުރަމުން ދެއެވެ.

ބޭބެ އަހަރެން ގޮވައިގެން ގޭޓްގެ ދޮރުމަތީގައި ހުއްޓެވެ. އޭރު ލޮނުގަނޑު ހުރީ ބޭބެގެ އުނަގަނޑާ ހަމައިގައެވެ. ކުއްލިއަކަށް ފެނުނީ ގެތަކުގެ ފާރުތައް މުގުރަމުން އައި ބޮޑު ކަޅު ފެން އަޅާ ހަމެކެވެ. އޭގެ މިސްރާބު ހުރީ އަހަރެމެން ދިރިއުޅޭ ގެޔާ ދިމާއަށެވެ. އެއައި ސްޕީޑްގައި ގެއާ ހަމައަށް އެ އައިފިނަމަ ގެ މުނގުރާލާނެކަން ހަމަ ޔަނީނެވެ. އެވަގުތު އަހަރެން ކައިރީ ބާރަށް ކޮނޑުގައި އެލިގެން އޮންނާށޭ ބުނެ ބޭބެގެ އެއް ކޮނޑު ގޭޓްގައި ލެއްގިއެވެ، އަދި ގެއާ ދިމާނޫން އެނެއް ފަރާތަށް ގޭޓް ކޮށްޕާ ވައްޓާލިއެވެ. އެއާއެކު ރާނާފައިހުރި ފާރުން ބައެއްވެސް ވެއްޓުނެވެ. އަދި ގެޔާ ދިމާއަށް އަންނަމުން ދިޔަ ކަޅު ހަމުގައި ފާރުން ބައެއް ޖެހި ހަން މައިތިރިވިއެވެ.

އެއާއެކު ބޭބެވަނީ ގޭތެރެއަށެވެ. އަދި ވަރަށް ބާރަށް ގޭގެ ދޮރުފަތް ލެއްޕިއެވެ. އަދި ދައްތަމެން ކައިރީ މަންމަ ކޮބާތޯ ބޭބެ އެހިއެވެ. ދައްތަ ޖަވާބުގައި ބުނީ، "މަންމަ ބޭރަށް ގޮހޮ ވަނޫ (މަންމަ ވަނީ ބޭރަށް ގޮސް)،" މިހެންނެވެ. އެޔާއެކު ބޭބެ ގަނބު ވިއެވެ. އަދި ބޭބެ ހަރަކާތް ހުސްވިއެވެ. އޭރުވެސް އަހަރެން އިނީ ބޭބެގެ ކޮނޑުގައެވެ. ބޭބެ ބުނި ގޮތަށް ކަރުގައި ވަރަށް ބާރަށް ބައްދައިގެންނެވެ.

އަނެއްކާ ކުއްލިއަކަށް ލޮނުގަނޑު ބޮޑުވާން ފެށިއެވެ. އެވަގުތު މުސްކުޅި ކާފަ އޮޔާ ގޭގެ ކަނަށް ގެންދިޔައެވެ. ކާފަގެ ގައިބާރު ދެރަވެފައި ހުރުމުން ކާފަގެ އަމިއްލަ ބާރުގައި ނުވެއް ތެދުވުނެވެ. އެމަންޒަރު އަހަންނަށް ފެނުނެވެ. ނަމަވެސް އަހަރެންގެ އަގައިންވެސް އެވަގުތު ބަހެއް ބޭރެއް ނުވިއެވެ. ދެން އިވުނީ ވަރަށް ބާރަށް މީހަކު ރޮއި ގަތް އަޑެވެ.

"މަންޖޭ! ކާފަ މިއަށް މަރަވަނޫ. ކޮއްކޮމެން ސަލާމަތް ކެރެއްޔޭ. (މަންޖޭ! ކާފަ މި މަރުވަނީ، ކޮއްކޮމެން ސަލާމަތް ކުރާތި)" އެ އަޑާއެކު އެންމެ ދޮށީ ދައްތަ ތެޅި ފޮޅެމުން އެދިމާޔަށް ދިޔައެވެ. އޭރު ފެންގަނޑުގެ ތެރޭގައި ދައްތަމެންގެ އިސްކޮޅެއް ނުކައެވެ. ދައްތަ ވަރަށް ބާރަށް ގޮސް ކާފަގެ އަތުގައި ހިފިއެވެ. އެވަގުތު އެތާކައިރިން ދިޔަ ކުޑަ ފުޅިމަދު ކޮޅަކަށް ކާފަ އަރުވާ ބާރަށް ހިފެހެއްޓުމަށް ބުންޏެވެ. ލޮނުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ކުއްލިއަކަށް ގޭގެ ދޮރު ހުޅުވުނެވެ. އަދި އެދިމާޔަށް އޮޔަ ދަމައިގަތެވެ. އަދި މެދަށް ހުރި ދައްތަ އެދިމާޔަށް އޮޔާ ދަމާގަތެވެ. އެ ދައްތަވެސް ސަލާމަތް ކުރީ ދޮށީ ދައްތަ އެވެ.

އޭރުވެސް ދިޔައީ ލޮނުގަނޑު ބޮޑުވަމުންނެވެ. އަހަރެން ހުރީ ބޭބެގެ ކޮނޑުގައެވެ. ބޭބެ އަދިވެސް ހަރަކާތެއް ނުކުރެއެވެ. ފެންގަނޑާއެކު އަހަރެމެންވެސް މައްޗަށް އެރިއެވެ. އަދި އަހަރެންގެ ބޯ ސީލިންގް ގައި ޖެހުނެވެ. އޭރުވެސް ބޭބެ ހުރީ ހަރަކާތް ހުއްޓިފައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ލޮނުގަނޑު ހިދެން ފަށާފިއެވެ. ބޭބެގެ އުނަގަނޑާ ހަމައަށް ލޮނުގަނޑު ތިރިވެއްޖެއެވެ.

އެވަގުތު ގޭގެ ބިއްދޮށު ފަރާތުން ވަރަށް ބާރަށް މީހަކު ހަޅޭލަވަމުން އަންނަ އަޑު އިވުނެވެ. ކޮޑުމަތީގައި ހުރެ ފަހަތް ބަލާލިއިރު، ކަނބަޑެއްގެ މަތީގައި ހުރެ ދަނޑި ގަޑަކުން ފަލި ޖަހަމުން އެއަންނަނީ އަހަރެންގެ މަންމައެވެ. ބޭބެއަށް ހޭވެރިކަންވީ އަދި ކިރިޔާއެވެ. ޢޭރުވެސް ކަލުލާ ހަމައިގައި ފެންގަނޑު ހުއްޓެވެ. މަންމަ ވަރަށް ބާރަށް އައިސް އަހަރެމެން އެންމެން ގައިގައި އޮޅުލާގަތެވެ. އެތައް އަހަރެއް ފަހުން މަންމަ ފެނުމުން ލިބޭ އުފާ އަހަރެންނަށް އެދުވަހު އިޙްސާސްވިއެވެ.

ފެންގަނޑު ކުޑަކޮށް ހިދުމުން ގެއިން ނިކުތުމަށް އަހަރެންވެސް ބޭބެގެ ކޮނޑުން ފައިބާ މަންމަ ކައިރިއަށް ދިޔާމެވެ. އަދި ގޭގެ މައި ދޮރު އަށީ ކުނިން ތާށިވެފައި ހުރުމާއިއެކު ކުޑަ ދޮރޯށިން ގެއިން ބޭރަށް ނިކުތީމެވެ. އެވަގުުތު މަންމައަށް ލިބިފައިވާ ޒަޚަމްތައް އަހަންނަށް ފެނުނެވެ.

މަންމަގެ މުޅި ފައިގާ އޮތީ މުޅިން ހަންމަށައިގެން ގޮސްފައެވެ. ލޭ އޮހޮރެމުން ދިޔައީ ހޯސްލާފައެވެ. މަންމަ ހަނގުރާމަ ކުރީ ބޮޑު ރާޅާއެވެ. ރާޅު އަރަން ފެށުމުން އެއިން ސަލާމަތް ވުމުގެ ބަދަލުގައި މަންމަ ބެލީ މަންމަގެ ދަރިން ކައިރިއަށް ދެވޭތޯއެވެ. ލަކުޑި ބުރި ބުރިންނާއި ކުނިން މަންމަގެ ފަޔަށް ޒަޚަމްތައް ލިބެމުން ދިޔަނަމަވެސް މަންމަ ބެލީ ވީހާވެސް އަވަހަކަށް އަހަރެން ކައިރިއަށް އަދެވޭ ތޯއެވެ.

ގެއިން ބޭރަށް ނިކުތްއިރު އަވައްޓެރި ގޭގޭގެ މީހުންވެސް މަގުމަތީގައި ރޮއެ ގިސްލަމުން ތިއްބެވެ. އަހަރެންވެސް އަހަރެންގެ ޢާއިލާއާއެކު ބޭރަށް ނިކުތީމެވެ. އަދި ހިސާބުގަނޑު މީހުންގެ އެދުމުގެ މަތިން މިސްކިތާ ދިމާއަށް ދިއުމަށް މިސްރާބު ޖެހީމެވެ. މިސްކިތާ ކުޑަކޮށް ކައިރިވެފައި ހުއްޓާ އަނެއްކާވެސް މީހެއްގެ އަޑު އިވުނެވެ. "އަހަރެމެންނެއްވާ ނެތޭ!" ކިޔާ ހަޅޭލަވާގަތް އަޑެވެ. ބަލާލިއިރު ދިޔަގަނޑު އަނެއްކާވެސް ބޮޑުވާ މަންޒަރު ފެނެއެވެ. އެންމެންވެސް ވަގުތުން ދެއަތް މައްޗަށް ނަގާ ދުޢާ ކުރަން ފެށިއެވެ. އަހަރެން އުމުރުގެ ގޮތުން ހަގު ކަމުން އެމީހުން ކުރި ކަމެއް ނޭނގުނެވެ. ނަމަވެސް ކައިރީ ތިބި މީހުންނަށް ތަބާވުމުގެ ގޮތުން އަހަރެންވެސް ދެއަތް މައްޗަށް ނަގާ ދުޢާ ކުރަން ފެށީމެވެ. ނަމަވެސް އަހަރެން ދުޢާ ކުރީ ދެވަނަ ރާޅެއް ނާރާތޯ އެއް ނޫނެވެ. މަންމަ އެއަހަރު ރޯދައަށް ގަތް، އަދި އަހަރެން ޤުރުއާން ޖަހާ ކެސެޓް ޕްލޭޔަރ ހަލާކު ނުވޭތޯއެވެ. އޭރުވެސް އަހަރެން ހުރީ ކުރިން ގެންގުޅުނު ޤުރުއާން ޓޭޕްގައި ހިފަހައްޓައިގެންނެވެ. ކޮންމެޔަކަސް، ކޮންމެވެސް ސަބަބަކާ ހުރެ ﷲ ގެ އިރާދަފުޅުން ދެވަނަ ރާޅެއް ނާރައެވެ.

އެންމެންވެސް އެކީގައި ހިނގާފައި ގޮސް މިސްކިތާ ހަމަވެއްޖެއެވެ. އެވަގުތު ކައިރި ރަށަކަށް މަސައްކަތު ގޮސް ހުރި ބައްޕަ އަހަރެންނަށް ފެނުނެވެ. އެނގިފައިވާ ގޮތުން ބައްޕަ ރަށައް އައީ ދެރަށް ގުޅުވައިދޭ ކޯޒްވޭ ރާޅާއެކު ހަލާކު ވުމާއިއެކު ފަތާފައެވެ. އަހަރެންގެ ޢާއިލާގެ އެންމެވެސް ހަމަވީއެވެ. ﷲ ގެ އިރާދަފުޅާއިއެކު ޢާއިލާގެ އެއްވެސް މެންބަރެއްގެ ފުރާނައަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް މަންމަ ބުނެގެން ޤުރުއާން ޓޭޕް އެއްލާލީމެވެ. މަންމަ ބުނީ އެ އޮންނާނީ ހަލާކް ވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖަހާންގީރު

    އެންމެ ނުބައި އެއް ކަންތައް ބޮޑު ޙަރާމް ކަމެއް މިއުޒިކާއި ލަވަ ދިވެހީންގެ އެންމެ ގަޔާވާ އެއް ކަންތައް މިހާރު ހަފުތާ ފަށާ ހަފުތާ ނިންމާ ހަނަދް ވެސް އެ ތައްޔާރުވަނީ ޙަރާމް މިއުޒިކް ޝޯވ ތަކުން ސުބްޙާނަﷲ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ ، އިންސާނާ ހަންދާން ނައްތާލާލެއް އަވްސްކަމާއެވެ

  2. އަލީ

    ހަަމަ ރޮވިއްޖެ.

  3. ކިޔާ

    ރޮވިއްޖެ..މިހާދިސާ ކިޔަމުންދިޔައިރު ލޮލަށް އެމަންޒަރުތައް ފެންނަފަދަ.

  4. ޒޯޒޯ

    ހަމަ ރަނގަޅަށްވެސް ރޮވިއްޖެ

  5. ށ

    26 ޑިސެމްބަރ

  6. ?

    ޤުރުއާން ޓޭޕް އެއްލާލަން ނުވާނެ ދޯ

  7. އެޗޭ

    ހަމަ ރަނގަޅަށްވެސް ރޮވިއްޖެ

  8. ޒަޔާނު

    ހަމަ ރަނގަޅަށް ރޮވިއްޖެ..?????

  9. ކޯ

    އިބުރަތްތެ، ހަނދާނުން ފޮހެނުލެވޭނެ ދުވަހެއް

  10. މީހާ

    ޓޭޕު ޓޭޕުގައި ހުންނަ އެނޫން އެއްޗެހިވެސް ދުލެއް ނުވޭ. ވީއިރު ގުރުއާން ދޫވެދާނެތަ؟

  11. Nihaya

    I felt very sad

  12. އޭޒެޑް

    އަބަދުވެސް ﷲ ހަދުމަކުރޭ އޭރުން ﷲ ވެސް އަހަރުމެން މަތިން ހަދާންކުރާނެ.

  13. ވިސްނަނީ

    ޖަހާންގީރު ތިބުނީ ސަތޭކައިގެެ
    ވާހަކައެއް....ވިސްނަން ޖެހޭނީ ކަމެއް ބޯމަތި ވުމަކުންނޫން...ﷲއަށް ބިރުވެތިވޭ ނިކަމެތި އިންސާނުންނޭ.!