ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އިމާރާތަކުން ވެއްޓި އަނިޔާވީ ބިދޭސީ މީހާގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން އިއްޔެ މެންދުރު ވެއްޓި އަނިޔާ ވެފައި ވަނީ އުމުރުން 27 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ މެންދުރު 14:30 ގައި އޭނާ އައިޖީއެމްއެޗަށް ބަދަލު ކުރީ ބޮލަށް އަނިޔާވެފައިވާކަމަށް ބެލެވޭތީ އިތުރު ޓެސްޓްތައް ހެދުމަށެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ ހާލު ރަނގަޅު ނަމަވެސް ފަރުވާ ދެމުން އަންނަނީ އިމަޖެންސީ ރޫމުގައި ކަމަށެވެ. އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ވެއްޓިފައި ވަނީ ސަލާމަތީ ފިޔަވަޅު އަޅަން ފުލުހުން އަންގާފައިވާ އިމާރާތަކުންނެވެ. ސަލާމަތީ ފިޔަވަޅު އަޅަން އަންގާފައިވާ ސައިޓެއްގައި ސަލާމަތީ ފިޔަވަޅު ނާޅާ މަސައްކަތް ކުރުމުގެ ފުރުސަތު ސަަރުކާރުގެ އިދާރާތަކުން ދީފައި އޮތީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

މިމަހު ކުރީކޮޅު މާލޭގައި އިމާރާތް ކުރަމުންދާ ގެއެއްގެ ފަސް ވަނަ ފަންގިފިލާ އިން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ކުއްޖަކު ނިޔާވި ހާދިސާ އަށް ފަހު މަސައްކަތް ކުރިއަށްދާ އިމާރާތްތަކުގެ ސަލާމަތީ ކަންތައްތައް ބަލަން ސަރުކާރުގެ އިދާރާތަކުން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. ނަމަވެސް މިހާރު އެއޮޕަރޭޝަން ކުރިއަށްދާ ގޮތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.