"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ކޮމިޓީ އެކުލަވައިލައްވައިފައިވަނީ 19 ޑިސެންބަރު 2018 ގައެވެ. މިކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ރެޕިޑް އެކްޝަން ޔުނިޓުން ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މި ކޮމިޓީ އާ ހަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ހިޔާ"، "ގެދޮރުވެރިކުރުން"، އަދި "ގުޅިފަޅު" މަޝްރޫޢާ ގުޅޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރަން އުސޫލުތައް ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯއާއި ހުށަހަޅާފައިވާ މަޢޫލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް ޝަރުތުފުރިހަމަނުވާ ފަރާތްތައް ސަބަބާއެކު ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ހިމެނެއެވެ.

އަދި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނުޙައްޤުން ފްލެޓްލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ނިންމުމާ ބެހޭގޮތުންނާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓްދޫކުރުމުގެ މަސައްކަތްކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް މަސައްކަތްކޮށްފައިވާ ފަރާތްތައް ބަލައި އެފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ނިންމުމުގައާއި، "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓަށް ފައިސާ ދައްކާފައިވީނަމަވެސް ފްލެޓް ހަވާލުނުކޮށްހުރި ފަރާތްތައް ބަލައި އެފަރާތްތަކަށް ޙައްޤު ބަދަލުދެވޭނެ ގޮތްތައް ދެނެގަނެ، މިކަމާމެދު ޢަމަލުކުރާނެގޮތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަކީވެސް މި ކޮމިޓީގެ މަސްއޫލިއަޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ދިރާސާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މ. ގުލްފާމްގެ މުޙައްމަދު މުޢިއްޒު އަދުނާނާއި، އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާއާއި، ގ. ދާސްތާން ނުޒުހާ ޢަލީމާއި، މއ. އަންޑާޕޫލްއާގެ އަޙްމަދު ޠަލާލާއި، އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން މ. ފެންގަސް އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާ އަލަށް މި އެކުލަވައިލެއްވި ކޮމިޓީއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން އުފައްދަވާފައިވާ ކޮމިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Miadhu

    މިސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ ރަޢިއްޔަތުންގެމެދުގައި ފިތުނަވެރިކަންއުފައްދާ ރައިއްޔަތުން މަގުމައްޗަށް ނެރުންނޫން ކޮންކަމެއްބާ

  2. Miadhu

    އެކިވަރުވަރުން އުއްދާފަހުރި ދައުލަތުގެ މުއައްސަސާތަކުގެ ބޭނުންކަޑާލާ ސިޔާސީ ގޮތުން ކޮންކުޅިގަޑެއްކުޅެންބަ މިއުޅެނީ

  3. Miadhu

    މިރައިސްގެ ޒިންމާއަކީ ކޮމިޝަންތަކާއި ކޮމެޓީތައް އުފެއްދުންތަ؟

  4. Miadhu

    ރައީސްޔާމީނުގެ 5 އަހަރުގެ ކޮރަޕްޝަނަށްވުރެ ނިސްބަތުން ބޮޑުވާނެ އެމްޑީޕީގެ 2 ބައި އަހަރުގެ ވެރިކަމުގެ އެކަންކަން ނުބަލަން ތިއުޅެނީ ކީއްވެ

  5. Miadhu

    މިރައީސް ކިތަންމެ ލަދުގަތަސް މިގައުމަށް ރައިސް ޔާމީނު 5 ގެނައި ތަރައްގީ ދިވެހިންގެ ހިތްތަކުން ނުފޮހެވޭނެ

  6. Miadhu

    އަރިހުގަ ތިގެންގުޅޭމީހުން ގައުމުދޮވެލާއިރުވެސް ފާޑަކަށް ނިދިފަހުރެގެން ކޮމެޓީތައް އުފައްދަ ހުރޭ

  7. Miadhu

    އިންޝާﷲ ކައިރިމުސްތަގުބަލެއްގައި މިވެރިކަން ނިމޭނެ ރަޢިއްޔަތުންގެ ފައިސާއިން ޚަރަދުކޮށްގެން ކޮމެޓީތަކާއި ކޮމިޝަންތައް އުފައްދާކަށް ނުހުރެވޭނެ

  8. Miadhu

    ދައުލަތުން ޚަރަދުކޮށްގެން ހިންގާ މުއައްސަސާތަކުގެ ބޭނުން ކުރަން ނުއެގެންޏާ އިސްތިއުފާދީފަ މަގުމައްޗަށް ނުކުމެބަލަ

  9. Miadhu

    އަދި އިތުރު ކޮމިޝަނެއްއުފައްދަން ބޭނުން އެއީ މިމީހާ ފެންވަރުވަން ސައިބީނިލައްވަން ގައިހިއްކަން ތެޔޮ އުގުޅަން ފާޚާނާ ކުރުވަން ތާހިރުކުރުވަން އަދިވެސް އަދިވެސް

  10. ޜައްޔިތުމީހާ

    ޢދ.ދިގުރަށުން ވެސް ގެވަޅުދީފައިވާގޮތް ބެލުމަށް ގޮވާލަން...

  11. ޝާހް،ވާދޫ

    ބަޔަކަށް ލާރިގަނޑެއްގެ މުސާރަދޭނެ އަނެއް ކޮމެޓީ އުފެއްދީ.. ތީ ކިހާމުއްދަތަކަށް ބަހާ ރައްޔިތުންގެ ފައިސާއެއް؟ 5 އަހަރަށް ތިބައިގަނޑު ތިކަންކޮށް ބަޔަކު މުއްސަނދިކުރާނެ!

  12. ޙައްވަ

    ޢިންސާފުން ކަންކަން ނިންމާނެކަމަށް އުއްމީދުކުރަން.

  13. އިބޫ

    ތިޔަފުއްދަވާ ވައުދު ތަކުގެ ތެރޭގައި މިދަންނަވާ ކަންކަން ވެސް ހިމަނުއްވައި ދެއްވާ އެންމެން ނަށް ހަމަހަމަ ކަމާ އެކު އިންސާފުން ބޯހިޔާ ކޮށް ދެއްވާ! 1 މައުމޫނުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން މާލޭގެ ބިން ހިއްކާ އެކި ފަރާތް ތަކަށް ގޯތިތައް ބަހާފައިވާ ގޮތް ބަލާ މުރާ ޖައާ ކުރުން. 2 ވިލިމާލެ އިން ގޯތިތައް ބަހާފައިވަނީ ސަރުތު ހަމަވާ މީހުންނަށްތޯ ބަލައިދިނުން. 3 ހުޅުމާލެ އިން ގޯތި ތަކާ ބިންތައް ބަހާފައިވާ ގޮތް ބަލައި ދިނުން. 4 އެމްޑީ ޕީސަރުކާރުން ހުޅުމާލެ ފުލެޓް ތައް ޕާޓީ ކުދިން ނަށް ބަހާ ފައިވާ ގޮތް އަލުން ބަލާ މުރާ ޖައާ ކޮށް ސަރުތު ހަމަވާފަރާތް ތަކަށް އިންސާފުން ބޯހިޔާ ކޮށް ދިނުން . މިކަން ކަން ބެލޭހާ ހިއްވަރު ނެތް ނަމަ ތިޔަކޮމިސަން އުވާލާ އިތުރު ބަޔަކަށް ބޯހިޔާ ވަހިކަން ހޯދައި ދެވޭތޯ މަސައްކަތް ކުރިއްޔާ މާތާހިރުވާނެއެވެ. ތިޔަފޮތަށް އުޅެނިކޮށް އެއްޗަކަށް ފައިން އެރިދާނެއެވެ.

  14. ލ

    ކޮމިޓީ ސަރުކާރު