2018 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 4932 މައްސަލަ ކަމަށާއި، އޭގެތެރެއިން ނިމިފައިވަނީ 4361 މައްސަލަކަމަށް އެކޯޓުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެކޯޓުން ނެރުނު ތަފާސްހިސާބު "ސިވިލް ކޯޓުގެ ތުޅުދަނޑި" ގައެވެ.

ތަފާސްހިސާބުތަކުގައި ބަޔާން ކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ފެށުނުއިރު، އޭގެ ކުރީ އަހަރު ބާކީ މައްސަލައިގެ ގޮތުގައި 1212 މައްސަލައެއްވެއެވެ. 2018 ވަނަ އަހަރު 4932 މައްސަލައެއް ހުށަހެޅުނުއިރު، އެއަހަރު ނިމުނީ 4361 މައްސަލައެވެ. އަދި، އެއަހަރު ނުނިމި ހުރީ 1783 މައްސަލައެވެ. އަދި، 2018 ވަނަ އަހަރު ނިމުނުއިރު، ނުނިމި ހުރި މައްސަލަތަކުގެ ގޮތުގައި ހަތަރު މައްސަލައެއް އޮތެވެ.

މައްސަލަތަކުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން 1819 މައްސަލައެއް ހައްލުވިއެވެ. އެއީ ހުށަހެޅުނު 3185 މައްސަލައިގެ ތެރެއިންނެވެ. ހުޅުމާލޭ ޑިވިޜަނުން ޝަރީއަތަށް ޝަރީއަތަށް 190 މައްސަލައެއް ހުށަހެޅުނުއިރު ނިމިފައިވަނީ 164 މައްސަލައެވެ.

ހަމައެހެންމެ، 2018 ވަނަ އަހަރު 1187 އެގްރީމެންޓެއް ރަޖިސްޓްރީ ކޮށްދީފައިވާއިރު އިތުރު އެހެން 391 ލިޔުމެއްވެސް ރަޖިސްޓްރީ ކޮށްދީފައިވެއެވެ.

ސިވިލް ކޯޓަކީ ފެމެލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި އެހެން މަދަނީ މައްސަލަތައް ބެލުމުގެ ޤާނޫނީ އިހްތިސާސް ލިބިފައިވާ ސުޕީރިޔާ ކޯޓެވެ.