އެހެން ގޯއްޗެއްގެ އިމުގެ ތެރެއަށް ވައްދައިގެން އިމާރާތްކޮށްފައިވާ ގެއެއްގެ ބައި ތަޅާލަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައިގައި ސިވިލްކޯޓުން ކުރި އަމުރުގައި ބުނާގޮތުން ހ. ނައިޝާ ކިޔާ އިމާރާތް، ހ. ސީސްޕީޑް އޭ ކިޔާ އަމިއްލަ ބިމެއްގެ އިމުތެރެއަށް ވައްދައިގެން އިމާރާތްކޮށްފައިވާތީ، ހ. ސީސްޕީޑް އިމާރާތުގެ ވެރިފަރާތް ވަނީ އެކަމާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ.

ދައުވާގައި ބުނާގޮތުން ހ. ސީސްޕީޑް ކިޔާ އަމިއްލަ ބިމުގައި 10 ބުރިއަށް އިމާރާތެއް ކުރަން ބޭނުން ވެގެން އިމާރާތް ކުރަހާ ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަ ހޯދުމަށްފަހު އެގޭގެ ބިމުގެ އިން ހަމަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންނަށް ހާޒިރުވެ އެބިމުގެ އިން ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަވޭތޯ ބެލިއިރު އެ އަމިއްލަ ބިމުގެ އިތުމަތީގައި 6 ބުރިއަށް އިމާރާތްކޮށްފައިވާ ނައިޝާގެ އިމާރާތްކޮށްފައިވަނީ ސީސްޕީޑް އޭ ކިޔާ އަމިއްލަ ބިމަށް އަރުވައިގެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މިން އަޅާ ބެލުމުން އެނގުނެވެ.

އެހެންކަމުން އެ ދެ އިމާރާތުގެ ވެރިފަރާތް މާލޭ ސިޓީ ކައުންސިލަށް ހާޒިރުކޮށް ދެފަރާތަށް އެކަން އެންގުމަށްފަހު މާލޭ ސިޓީ ކައުންސިލުން އަމަލުކުރާ އުސޫލުގެ ދަށުން ނައިޝާގެ ސީސްޕީޑްގެ ބިމަށް ވައްދައިގެން އިމާރާތްކޮށްފައިވާ މިންވަރު (ގާތް ގަނޑަކަށް 10 އަކަފޫޓޫ) ދެ މަސް ދުވަހުގެ ތެރޭ ރަނގަޅު ކުރުމަށް 18 މާޗްގައި ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އެހެންނަމަވެސް އެ މުއްދަތު ހަމަވެ 3 މަސް ފާއިތުވެގެން ދިޔައިރުވެސް އެކަން ރަނގަޅުކޮށްފައިނުވާތީ އެގޭގެ ވެރިފަރާތާއި ދެކޮޅަށް ވަނީ ސިވިލްކޯޓުގައި ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކު ރާކަމަށާއި ނަމަވެސް އިމާ ގުޅޭ މައްސަލައެއް އުޅޭކަމަށް އެފަރާތުން އިންކާރު ނުކުރާ ކަމަށެވެ.

އިމުގެ މައްސަލައެއް އުޅޭކަން އެނގުމުން ދައުވާ ލިބޭ ފަރާތުގެ އިމާރާތުގެ މަތިން ތަޅާލައިގެން މައްސަލަ ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމުން އިމާރާތުގެ މަތިން ބިމާއި ތަނބުތަކުން ތަޅާލައިފި ނަމަ އިމާރާތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށާއި ބައެއް ކަނޑައިގެން ވެއްޓި ފުރާނައަށް ގެއްލުން ލިބުންވެސް އެކަށީގެންވާކަމަށް ދައުވާ ލިބޭ ފަރާތުން ބުނުމުން ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.

ސީސައިޑްގޭ ވެރިފަރާތުން ބުނާގޮތުން 10.5 އަކަފޫޓުގެ މައްސަލަ ބިމުގެ އަގަށްވާ ފައިސާ ދީފައި ހައްލުކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވަނީ ވާހަކަދެކެވިފައެވެ. ނަމަވެސް މިކަމުގައިވެސް ދެފަރާތުން އެއްބަސްވުމަކަށް އައިސްފައިނުވާކަން ކޯޓުން ފާހަގަކުރެއެވެ.

ކަންމިހެން ހުރުމާއެކު ސިވިލް ކޯޓުން ހުކުމް ކުރީ ނައިޝާ ގޭގައި އަޅާފައިވާ އިމާރާތުގެ ފުރަތަމަ ފްލޯއިން ފެށިގެން ޓެރަސް ފްލޯއާ ހަމައިން ހ. ސީސްޕީޑް ގޭގެ އިމުގެ ތެރެއަށް ވައްދައިގެން އިމާރާތްކޮށްފައިވާ ބައި އިން ހަމަވާ ގޮތަށް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ތަޅާ އިސްލާހުކުރުމަށް ހ. ނައިޝާގެ ވެރި ފަރާތުގެ މައްޗަށް އެންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުރަނގަ ގަސްދޮށުމާލިމީ ގަހުންބޭލި ހަސަންކޮއި

    ތިއީ މިގައުމުގައި ޢާއްމު އެކަމަކު ނޫހަށް މަދުންނޫނީ ނާރާ ކަހަލަ ޚަބަރެއް! އެކުން އެވާގޮތަކީ ގަދަރުވެރި ތަނަވަސް ޢާއިލާއެއްގެ ބަޔަކު ދިރިއުޅޭ ގެޔަކާއި އިންވެގެން ނިކަމެއްޗެއްގެ ގެއެއް ވާނަމަ އަރައިގަންނާނެ. ހިތުހުރިގޮތަކުން ފަސޭހައިން އަތުޖެހޭ ބަޔެއް ނިކަމެތިމީހާ ރޮއިރޮއި އޮއްވާ ދަމައިގަންނާނެ.

    21
    1
  2. މަތިމަތިން

    ދިވެއްސެއްތަ! އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް އޮންނާނީ ވައްކަމެއް ކޮށްފައި. ނޫނީ މަކަރާއި ހީލަތުން ކޮންމެވެސް އެއްޗެއް ކޮންމެވެސް ތާކުން ކޮންމެވެސް ގޮތަކުން ހޯދާފައި. ފަޅާއަރަނީ މަދުފަހަރެއްގައި.

    19
    1
  3. Anonymous

    ޒައްރެއްގެ މިންވަރުވެސް ތިމާއަށް ޙައްޤު ނޫންގޮތުގައި ނުޖެހެމާ
    . އާޚިރަތުގެ ޢަޒާބަށް ބިރުވެތި ވަމާ.

    22
  4. ކިސް

    އިންތިހާބު އަންނަނީ ތިހުކުމެއް ނުހިގާނެ..ކޮންމެވެސް މީހަކާ ގުޅައިގެން ހަމަޖައްސާ...

  5. ނޫސްކިޔާމީހާ

    މިގެއާ ޖެހިގެން ހުރި ގެވެސް ތިގޮތަށް ޢިމާރާތްކޮށް ނިމިއްޖެ. ޢަދި މިގޭ ގޯތިން ނެގި ވައިގޮޅިއަށް ޖެހިގެން ހުރިގެއިން ދޮރު ކަނޑާ ނިމިއްޖެ.