މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑެމޮކްެރަޓިކް ޕާޓީ (އެމްއެލްއެސްޕީ) ރަޖިސްޓްރީ ކުރުމުގެ ކުރިން ބާއްވަން ޖެހޭ އާއްމު ޖަލްސާ، މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

ކަނޑައެޅިފައިވާ އުސޫލުތައް ބުނާގޮތުން، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ އެޕާޓީ އެއް އުފެއްދުމަށް ބާއްވަން ޖެހޭ އާއްމު ޖަލްސާ ބޭއްވުމުންނެވެ. މި ޖަލްސާ، ހުއްދަ ދެވުނުތާ ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށްވެސް ކަނޑައެޅިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޭބަރ ޕާޓީ އިން މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި ޕާޓީގެ ލޯގޯ، ހިންގާ ޤަވާއިދު އަދި ވަގުތީ ހިންގާ ކޮމިޓީ އައްޔަންކޮށް ފާސް ކުރާނެއެވެ.

ލޭބަރ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ މަޝްހޫރު ޤާނޫނީ ވަކީލް، އަބްދުﷲ ހަސީނަށެވެ. ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

މިހާރުވެސް ބައެއް ޕާޓީތައް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ވަނީ ހުއްދަ ދީފައެވެ. އެގޮތުން، ރިފޯމް މޫވްމަންޓް އުފެއްދުމުގެ މަސައްކަތް ކުރަން ހުއްދަ ދީފައިވާއިރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް 4000 މީހުންގެ ފޯމު ވަނީ އިލެކްޝަންސް އަށް ހުށަހަޅާފައެވެ.