ރާއްޖޭގައި މިނިވަންކަން އޮތްވަރަށް މިނިވަންކަން އޮތް އެހެން ގައުމެއް މުޅި ދުނިޔޭގައިވެސް ނޯންނާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ މިގައުމުގައި މިނިވަންކަމެއް ނެތޭ ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރާއިރު މިގައުމަކީ ދުނިޔޭގައި އެންމެ ބޮޑަށް މިނިވަންކަން އޮތް ގައުމުކަމުގައެވެ.

"މިގައުމުގައި މިނިވަންކަމެއް ނެތޭ ބުނަމުންގެންދާއިރު މިގައުމުގައި ނެތް މިނިވަންކަމެއް ކޮބާތޯ؟ މިއީ މުޅި ދުނިޔޭގައި ވެސް މިނިވަންކަން އެންމެ ބޮޑަށް ދީފައިވާ ގައުމު. ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ބޮޑަށް ދީފައިވާ ގައުމު. އެހެން ނަމަވެސް މި ގައުމުގައި ދީނީ މިނިވަންކަން ދިނުމުގެ އެއްވެސް ފުރުސަތެއް ނުދޭނަން." އަލީ އާރިފް ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސް ނަޝީދު އާއި މަހުޖަނު ގާސިމް އިބްރާހިމް އާއި ޝައިޙް އިމްރާން އަކީ ނުވަވަނަ ހަސަން ރަސްގެފާން ފަދަ ބޭފުލުން ކަމަށާއި މިގައުމަށް އެއްވެސް ބަޔަކު ގައްދާރުވުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް މެންބަރު އަލީ އާރިފް ވަނީ ވިދާޅުވެފައެވެ.

އީޔޫގެ ގަރާރަށް ތާއީދު ކުރުމަކީ ގައުމަށް ގައްދާރުވުންކަމުގައި ތާކުރާރުކޮށް ވިދާޅުވަމުން އަލީ އާރިފް ވިދާޅުވީ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއިން ވެސް އެޤަރާރަށް ތާއީދުކުރައްވާފައިވާ ކަމަށެވެ.

އަދި އީޔޫގެ ގަރާރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ނެރުއްވި ސްޓޭޓްމެންޓަށް ތައުރީފްކުރައްވަމުން އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން އަކީ މިގައުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތުދޭން އެދޭނެ ވެރިއެއް ނޫން ކަމުގައެވެ. އަދި އެކަން ދުނިޔޭގެ އެތަށް ގައުމުތަކަކަށް މިއަދު ރައީސް އަބްދުﷲ ޔާމީން ސާބިތުކުރައްވާފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.