ގދ. ތިނަދޫ އިން ތިން މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯންޏަކީ މީގެ ތިން ދުވަސް ކުރިން މާލެ އައުމަށް ފުރި ދޯންޏެކެވެ.

އަދި އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓު ލިބިފައިވަނީ މިއަދު 18:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހު 19:11 ހާއިރު ގއ.ކޮލަމާފުށި ކައިރިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ ދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

އެ ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަށް އެމްއެންޑީއެފް އިން ވަރަށް ބޮޑަށް އެދެެއެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާޖިދު

    އެދޯނީގެ ހަބަރެއް ވެއްޖެ. 3މީހުންވެސްެހެޔޮހާލުގައި ގަދަވެ ސަލާމަތުން އެބަތިބި. ދޯނި މިހާރު އޮތި ގދ ތިނަދޫގަ