ކުރީގެ ނައިބްރައީސް އަހްމަދު އަދީބަށް ބޭނުންވާ ބޭސްފަރުވާއަށް ހުރަސްއަޅަމުންދާ ކަމަށް އާއިލާއަށް ގަބޫލުކުރެވޭތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު 10 ފަރާތަކާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އާއިލާއިން އެދިއްޖެއެވެ.

މިކަން ހާމަކޮށް އަދީބުގެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 10 ބޭފުޅަކާއި ބައްދަލުކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އަދީބުގެ އާއިލާއިން ބައްދަލު ކުރައްވަން ބޭނުންވާ ބޭފުޅުނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމާއި، އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލަތީފާއި، މިނިސްޓަރ އޮފް ހެލްތު އަމީންއާ ކަމަށެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް މެޑިކަލް ކައުންސިލާއި ބައްދަލުކުރުމަށް އެދިފައިވާނެ ކަަމަށްވެސް އަދީބުގެ އާއިލާއިން ބުނެ އެވެ.

އައިލާއިން ބުނީ މިބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވީ މި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި އަދި އަދީބުގެ ބޭސްފަރުވާއަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހުރަސް އަޅުއްވަމުން ގެންދަވާތީ ކަމަށެވެ.

އާއިލާއިން ބުނީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ކުއްލި ހާލަތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެމުން ދަނިކޮށް، ތަފާތު ނުފޫޒުތަކެއް ޑޮކްޓަރަށް މެދުވެރިވި ކަމަށާއި އަދި މަޖުބޫރީ ހާލަތެއް ކުރިމަތިވި ކަމަށް ވިދާޅުވެ ފަރުވާ ފުރިހަމަވުމުގެ ކުރިން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އަބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދީބަށް ކުރެވިފައިވާ ސިޔާސީ ޖަލު ހުކުމަކީ އަދީބުގެ ބޭސްފަރުވާގެ ކަންކަމާއި އަޅުވާ ކިޔޭނެ ކަމެއް ނޫން ކަމަށްވެސް އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނީ އަދީބަކީ ބޭއިންސާފުން 33 އަހަރުގެ ޖަލު ހުކުމެއްގައިވާ ފަރާތެއް ނަމަވެސް، ބޭސްފަރުވާގެ ހައްގަކީ އިންސާނީ ހައްގެއް ކަމަށެވެ.

އަދި އާއިލާގެ ފަރާތުން އެދިފައިވާ ގޮތަށް މިބޭފުޅުންނާއި ބައްދަލުކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަދީބްގެ އާއިލާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުހައްމަދު

  ާތިބުނަނީ އަދީބު ސިފައިގެ ހުރިމީހަކު ރައްޔިތުންގެ ލާރިކޮޅު ދިރުވާލީޔޭތަ

 2. ނޫނެކޭ

  ކުރއްވާނެ ކަމެއްނެތް.
  ތި ބޮޑު މުޖުރިމެއް.
  ޜައްޔިތުންގެ ފައިސާ ދައްކާ.

 3. ބެއްޔާ

  ރައްޔިތުންގެ ފައިސާ ދައުލަތާއި ހަވާލުކޮށްފަ އެހެންކަމަކާއުޅޭ. މެދުފއ ދުޅަވިޔަސް ހެޔޮ

 4. ކުނބޯލި

  އަދީބު ދުނިޔޭގައި އެބަހުރިތަ؟ އަހުން ހީކުރީ އަދީބު ކުއްލިހާލަތުގައި ޑޮކްޓަރަށްދައްކަންޖެހުނީ ފުރާނައަށްނުރައްކާ ބައްޔެއްވެގެންކަމުން. އަވަސްފަރުވާ ނުލިބިގެން އަދީބު މަރުވީކަމަށް.