ވިލިނގިލީ ފެރީ ޓާމިނަލް ކައިރީ ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ ހުރި ވެހިކަލްތައް ނަގަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ޓެރެފިކް ޕޮލިސް ޔުނިޓުން ބުނެފިއެވެ.

ގަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލުމުން ގަވައިދާއި ހިލާފަށް ޕާކް ކުރުން ހައްދުފަހަނައަޅައި ދިއުމުން ގަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ހެނދުނު ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހުންނަށް ދަތިވާގޮތަށް ޕާކްކުރާ މައްސަލަ ހައްލު ކުރުމަށް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށެވެ.

"ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން އެބަ ނަގުވަން. އަދި ޓޯ ކުރުން ވެސް ކުރިއަށް އެބަގެންދަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިދިޔަ ހަފްތާގައި ފުލުހުން ވަނީ ހުއްޓާލާފައެވެ. ސްޓިކާ ޖެހުން ހުއްޓާލީ ގަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ނުޖަހަން ފުލުހުންނަށް ސަރުކާރުން އެންގުމުންނެވެ.

ގަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުން ހިނގާ އުޅެން ދަތިވާގޮތަށް ނުގަވައިދުން ޕާކްކުރުން ވަނީ އިތުރުވެފަ އެވެ. ކަފިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެ އަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ބޮޑުވުމުން ގިނަ ބަޔަކު ގެންދަނީ ޝަކުވާ ކުރަމުންނެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން ޒޯންތަކަށް ވުރެ ވެހިކަލްތައް ގިނަ ވުމެވެ. ސަރުކާރުން ވަނީ ޕާކިންގެ މައްސަލަ ހައްލު ކުރާނެ ކަމަށް ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު