ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ޖިނާއީ ދައުވާ ކުރެވޭގޮތް ހަދަން ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.

މިހާރުވެސް މަޖިލިސް މެމްބަރުން މާލީ ބަޔާން ހުށަހަޅަން މަޖިލިސް ގަވައިދު ލާޒިމް ކުރާއިރު 19 ވަނަ އިންތިހާބުވާ ރައްޔިތުންގެ މަޖިލީހެއްގައި މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމަށް އެމްޑީޕީގެ މަޖިލިސް އެޖެންޑާގެ ތެރެއިން ވަނީ މަޝްވަރާ ކޮށްފައެވެ.

މިގޮތުން މަޖިލިސް މެމްބަރުގެ އިތުރުން މެމްބަރުގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ އިރު މެމްބަރުންނާއި އަނބި ދަރިން ހުށަހަޅާ މާލީ ބަޔާނުގައި ފައިސާ، ބޭންކް އެކައުންޓް، ބިން، ބިމުގެ އެގްރީމަންޓު، އާއިލީ ވިޔަފާރި، ގަހަނާ، މޯޓަރ ލީ ވެހިކަލް، ރުއްގަހުގެ މައުލޫމާތުވެސް ހިމެނެންޖެހޭ ގޮތަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.

މާލީ ބަޔާނުގެ އިތުރުން މެމްބަރުގެ ބައެއް ހަރަދުތައް މަޖިލީހަށް ހުށަހަޅަން ޖެހޭގޮތަށް އެމްޑީޕީން ހުށަހަޅައެވެ. އެގޮތުން މެމްބަރު ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ތަފްސީލު ހުށަހަޅަން ޖެހޭގޮތަށްވެސް ހުށަހަޅަ އެވެ.

މަޖިލިސް ގަވައިދަށް އެމްޑީޕީން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހުރިހާ މެމްބަރުންގެ މާލީ ބަޔާން މަޖްލިސް ވެބްސައިޓްގައި އާންމުކޮށް ޝާއިރު ކޮށް މާލީ ބަޔާން ހުށަނޭޅުމަކީ ޖިނާއީ ކުށަކަން ކަޑައަޅައި މާލީ ބަޔާން ހުށަނޭޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ތަހުގީގު ފެށި، ފިޔަވަޅު އެޅޭނެ ގޮތް ހެދުން ހިމެނެއެވެ.

އަދި މެމްބަރުންގެ ހާޒިރީއާއި މެމްބަރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ކޮމިޓީގައި ކުރާ މަސައްކަތް އެނގޭ ގޮތަށް ހަދަން އެމްޑީޕީން ހުށަހަޅައެވެ.

ކިޔުންތެރިންގެ ހިޔާލު