ސިފައިންގެ 64 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު، ކ.ގިިރިފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙުމަދު ދީދީއެވެ.

11 އޯގަސްޓް 2018 ން 9 ފެބްރުއަރީ 2019 ށް ޅ.މާފިލާފުއްޓާއި ކ.ގިރިފުށީގައި ކުރިއަށް ގެންދިޔަ މި ތަމްރީން ކޯހުގައި ޖުމްލަ 154 ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަކޮށްފައިވަނީ 125 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުން، ޖުމްލަ 64 ރަށަކަށް ނިޞްބަތްވާ ދަރިވަރުން ހިމެނެއެވެ.

މި ތަމްރީން ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ، ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަޙީދު ވިދާޅުވީ، މި ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ސިފައިންގެ ޚިދުމަތަށް ނިކުންނަ ކުދިންނަނީ ޤައުމިއްޔަތަށް ލޯބިކުރާ، ހަށިހެޔި، ދުޅަހެޔޮ ކުއްޖަކަށް ހެދުން ކަމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްޞާނީ ގޮތުން އެންމެ ފުރިހަމަ އަށް އެ ކުދިން ތައްޔާރު ކުރުން ކަމަށެވެ.

"ތަމްރީނުގަ މި ކުދިންނަށް ވަރަށް ގިނަ މާއްދާތައް ކިޔަވައިދެވި، އާއްމު މީހަކު އަސްކަރީ މީހަކަށް ބަދަލުކޮށްލަން ޖެހޭ ހުރިހާ ކަންތައްތަކެއް ހުންނާނީ ޙާޞިލްވެފަ. މީގަ ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން މި ތަމްރީން ޕްރޮގްރާމު ހިންގާ ނިމުނު ކުދިންނަކީ އަމިއްލަ ނަފްޞަށް އިތުބާރު ކުރާ، ހަށިހެޔޮ ، ދުޅަހެޔޮ އަދި ޖެހޭ ކޮންމެ ކަމަކަށް ކުރިމަތިލާ، ކާމިޔާބު ކުރުމުގެ ރޫޙާ އެކީގަ ނިމިގެންދާ ކުދިންކަން އަޅުގަނޑު ފާހަގަ ކުރަން. އަދި އޭގެ އިތުރުން، ޖިސްމާނީ ގޮތުންނާއި ނަފްޞާނީ ގޮތުން، މި ކުދިންނަށް ކިޔަވައިދެވިފަ ހުރި ބައެއް މާއްދާތަކުން މި ކުދިންގެ ހަށިގަނޑާއި ނަފްޞު ވަރަށް ބޮޑަށް ތަރައްޤީކުރެވިފަ ވާނީ." ވައިސް ވިދާޅުވިއެވެ.

މި ރަސްމިއްޔާޓުގައި މިނިސްޓަރ މާރިޔާގެ އިތުރުން، ސިފައިންގޭގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީޕް އޮފް ޑިފެންސް ފޯސް ބްރިގޭޑިޔާ ޖެނެރަލް ޢަބްދުއްރަޙީމު ޢަބްދުއްލަޠީފުވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ކޯހުގައި އެކި އެކި ވަނަ ވަނަ އަށް ހޮވުނު ދަރިވަރުންނަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ. މި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވުނީ، އައިޝަތު ޝަހުމާ އެވެ. އަދި މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އަޙުމަދު ޝައިހާން ޖަލީލެވެ.