ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސީއެމްބިއުލާންސްތައް އެމް.އެން.ޑީ.އެފް އާއި ހަވާލުކުރަންޖެހުނު ސަބަބު މާރިޔާ ވިދާޅުވެދެއްވައިފިއެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީން ކޯހުގެ ނިމުން ފާހަގަކުރުމަށް، ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރ، މާރިޔާ ވިދާޅުވީ، އާއްމު ފަރުދުންނަށް ކަނޑުމަތީގައި ދަތުރު ކުރަން ނުކެރޭ ދަނޑިވަޅުތަކުގައި، އެ ޒިންމާ ނަގައިގެން ކަނޑުމައްޗަށް އަރަން ތިބޭ ބަޔަކީ ސިފައިން ކަމަށާއި، މިފަދަ ހުރިހާ ކަމެއްގައި ސިފައިން ތިބެނީ ތައްޔާރަށް ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ ވަނީ ސީއެމްބިއުލައިންސްތައް ހަވާލުކުރެވިފައި. ސިފައިންގެ މީހުންނާއި ސީއެމްބިއުލައިންސްތައް ހަވާލުކުރަން ޖެހުނު ސަބަބަކީ ޞިއްޙީ ޚިދުމަތުގެ ތެރެއިން އަންނަ ކަމެއްކަމުގައި ވިޔަސް، އެ އާއްމު މީހާއަށް ކަނޑުމަތީގަ ދަތުރުކުރަން ނުޖެހޭ ނުވަތަ ނުކެރޭ ދަނޑިވަޅުތަކުގައި ސިފައިންގެ މީހާ ހުންނަނީ އެކަމާ، އަޅުގަނޑުމެންގެ ޅަދަރިން، އަޅުގަނޑުމެންގެ ދުވަސްވީ މީހުން، އަޅުގަނޑުމެންގެ ރައްޔިތުން ބަލިވީމާ، އެމީހުން އެ ޞިއްހީ ސެންޓަރަކަށް ފޯރުކޮށްދިނުމަށްޓަކާ އަތް އުރާލައިގެން ނުކުމެ އަޅުގަނޑުމެންނާ ހަވާލުވެވިފައި ވަނީ އެމީހާ އެހާ ހިސާބަށް ގެންގޮސްދޭ ކަމަށްވާ އިރު، ކަނޑު ކިތައްމެ ގަދަޔަސް މޫސުމުގެ އިދާރާއިން ދަތުރު ކުރަން ހުއްދަ ދޭ ކަމަށް ވަންޏާ، އަޅުގަނޑަށް ހަމަ ގައިމުވެސް މިހާ ހިސާބަށް ފެނިފައި ހުރީ، ސިފައިންގެ ބޭކަލުންނާއި ބޭކަނބަލުން އެ ދަތުރު ކުރައްވާ، އެ ބަލިވެފަ އޮންނަ މީހާ އެ ޞިއްޙީ ސެންޓަރަކާއި ހަމައަށް ގެނެސްދެއްވާތަން." މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މާރިޔާ ވިދާޅުވީ، ކަނޑުމަތީގައި ހިނގާ ޙާދިސާތަކުގައްޔާއި، އުޅަނޑުފަހަރަށް ދިމާވާ ކަންކަމުގައިވެސް ސިފައިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، އެކަމަށްޓަކައި ޖުމްލަކޮށް ހުރިހާ ސިފައިންނަށާއި، ސިފައިންގެ އާއިލާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިއަދު ގިރުފުށީގައި ބޭއްވި ރަސްމިއްޔާތަކީ ސިފައިންގެ ޚިދުމަތަށް އަލަށް ގުޅުނު ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. އެގޮތުން ޖުމްލަ 125 ދަރިވަރުންވަނީ، ސިފައިންގެ 64 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތު މީހާ

    ކިތައް ސީއެމްބިއުލާންސް ދުއްވަންތޯ ސިފައިން ތިބީ؟ ޢޭގަ ތިބެނީ ކުރިން ހޮސޕިޓަލްތަކުގަ ތިބި ކައްޕިންނާ ފަޅުވެރިން. ގިނައިން އޮންނަނީ ދަތުރު.ނުކުރެވޭ ހާލަތުގަ