އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެއްވެސް ފައިސާއެއް "ވަގުތު" އަށް އަދި "ވަގުތު" ގެ މެނޭޖްމަންޓްގައި މަސައްކަތް ކުރާ އެއްވެސް ބޭފުޅަކަށް ލިބިފައި ނުވާކަމަށް "ވަގުތު" އިން ބުނެފިއެވެ.

"ވަގުތު" އިން މިހެން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓާއި ގުޅިގެން "ވަގުތު" ގެ ސީއީއޯ އަހްމަދު އިމްރާނަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ "ޖަޒީރާ" ނޫހުގައި ޝާޢިއު ކޮށްފައިވާ ޚަބަރަކީ ހަޤީޤަތް އޮޅުވާލުމުގެ ގޮތުން ގެނެސްދީފައިވާ ޚަބަރެއް ކަމަށް ވާތީ އެކަމުގެ ޚަޤީޤަތް އޮޅުން ފިލުވައި ދިނުމުގެ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

"ވަގުތު" ގެ ބަޔާނުގައި ބުނީ 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2015 ވަނަ އަހަރުގެ ނޮވެމްބަރ 12 ވަނަ ދުވަހާއި ހަމައަށް "ވަގުތު" ގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވީ ހަސަން އަބްދުﷲ އެވެ.

އެމުއްދަތަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގަމުން ދިޔަ ދުވަސްވަރުކަން މިހާތަނަށް ތަޙްޤީޤުތަކަށް އެނގިފައިވެއެވެ.

ހަސަން އަބްދުﷲ އަށް ފަހު ތިން ބޭފުޅަކު "ވަގުތު" ގެ ސީއީއޯ ކަމުގެ މަގާމު ފުރުއްވާފައިވާ ކަމަށާއި އަހްމަދު އިމްރާން ވަނީ 2018 ވަނަ އަހަރު އޮކްޓޯބަރ މަހު އަމިއްލައަށް "ވަގުތު" ގެ ވަޒީފާ އިން ވަކިވެފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ޖަޒީރާ" ނޫހުގައި މިއަދު ޚަބަރު ޝާއިޢު ކޮށްފައި ވަނީ ޙަޤީޤަތް އޮޅުވާލުމަށްކަން ފާހަގަ ކުރެވުނު ހިސާބުން އެނޫހުގެ ޚަބަރު ލިޔުނު ނޫސްވެރިޔާއަށާއި ނޫހުގެ މެނޭޖްމަންޓަށް "ވަގުތު" އާއި ބެހޭ ސައްހަ މައުލޫމާތު ވާނީ ފޯރުކޮށްދީފައި ކަމަށް ވެސް "ވަގުތު" އިން ބުނެއެވެ.

ނަމަވެސް އެނޫހުން ޚަބަރު އިސްލާހު ކުރުމަށް ކަންތައްތަކެއް "ވަގުތު" އަށް ޝަރުތު ކުރުމުން ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރެވެން ނެތް ކަމަށް "ވަގުތު" އިން ވަނީ ނިންމާ "ޖަޒީރާ" ނޫހުގައި ޚަބަރު ޝާއިއު ކޮށްފައި ވަނީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހިލާފަށް ކަމަށްވާތީ އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅަން "ވަގުތު" އިން ވަނީ ނިންމާފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި "ޖަޒީރާ" ނޫހުގެ ޚަބަރާއި ގުޅިގެން "ވަގުތު" އަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް "ވަގުތު" އިން ބުނެއެވެ.

"އޭސީސީގެ ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަކީ ކަންކަމުގެ ހަޤީޤަތް ހާމަކުރުމުގައި "ވަގުތު" އިން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ޒާތީ ގޮތުން ކުރަމުން ގެންދާ ކަމެކެވެ. އެފަދަ އެއްވެސް ކަމަކުން "ވަގުތު" ފަހަތައް ނުޖެހޭނެ ކަން މީގެ ކުރިން ވެސް "ވަގުތު" އިން ވާނީ ސާބިތުކޮށްދީފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެއްވެސް ޖެހިލުމެއްނެތި ޚަބަރު ފެތުރުމުގައި "ވަގުތު" ދެމިއޮންނާނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

"ވަގުތު" އާއި ބެހޭ ގޮތުން މީސް މީޑިއާގައި ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް "ވަގުތު" ގެ ޤާނޫނީ ޓީމުން ގެންދަނީ ތައްޔާރުވަމުން ކަމަށް "ވަގުތު" އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮގެއް؟

    ވަގުތުގަ މި ޚަބަރުތައް ގެނެސްދޭތީ އަސަރު ކުރީ ޖަޒީރަތު ލާދީނިއްޔާމެން.

    2
    4
  2. ޢަލީ ޢަލީ

    އެހެންވީމަ ތިޔަ ފައިސާ ލިބުނު އެކަކުވެސް ނެތެއްނު!
    ތިޔަފައިސާ ދިޔައީ އަޑިޔަށްތޯ ޖައްވައްތޯ ނޫނީ ސްރީލަންކާއަށްތޯ!!!!