އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި "ވަގުތު" ރިޕޯޓަރުންގެ ގޮތުގައި މަސައްކަތްކޮށް އަދި އިލެކްޝަންސް ކޮމިޝަންގެ މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ވަގުތު" އިން އެކަމަށް ހާއްސަ ކޮށްފައިވާ ގޫގްލް ފޯމް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަގުތުން އެދެއެވެ.

މޮނިޓަރުންނަށްވުމަށް އެދޭ ފޯމް

ވަގުތުގެ ފަރާތުން މޮނިޓަރުންނަށް އެދޭ ފޯމް އޮގަސްޓް 14 ވަނަ ދުވަހު ރޭގަނޑު 12ގެ ކުރިން ފުރިހަމަ ކުރަން ޖެހޭނެއެވެ. ވަގުތުގެ މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 9500101 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމަކީ ޝަރުތެކެވެ.

އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވާން ޖެހޭނެއެވެ.