މަޖިލިސް މެންބަރުންގެ ނޯ ކޮންފިޑެންސް ވޯޓް ނެގޭ ގޮތަށް ހަދަން ތާއިދު ކުރައްވާ ކަމަށް އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ޝައިނީ ވާދަކުރައްވަން ނިންމަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ. ޝައިނީ އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އެބޭފުޅުން ހޮވާ މަޖިލިސް މެންބަރު ވޯޓް ހޯދަން އައިސް ދައްކާ ވާހަކާއި ހިލާފް ވާނަމަ ނުވަތަ ހޮވައިދޭ ރައްޔިތުން ނޭދޭ ގޮތަށް މަޖިލިސްގައި އަމަލު ކުރާނަމަ ނޯ ކޮންޕިޑެންސް ނެގޭ ގޮތަށް ހެދުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ.

" ހަގީގީ އެންޓި ޑިފެކްޝަން އަކީ ރައްޔިތުންގެ ތާއީދަށް ޑިފެކްޓްވުން،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ފެށުނީއްސުރެ ދައުރު ނިމެންދެން ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތައް ހާއްސަކޮށް އިޤުތިޞާދީ ދާއިރާ އިން ތަންފީޒު ކުރެއްވުމުގައި ޝައިނީގެ ދައުރު ވަރަށް ބޮޑަށް ފެނުނެވެ. އަދި ސަރުކާރުން އިދިކޮޅު ފަރާތްތަކާއި އެކު ކުރި ސިޔާސީ މަޝްވަރާތަކުގައި ވެސް ޝައިނީ އިސްކޮށް ހުންނެވިއެވެ.

ޝައިނީ ވަނީ ތިން ސަރުކާރެއްގައި ޖުމްލަ 27 އަހަރު ޚިދުމަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ނޯކޮންފިޑެންސް ވޯޓް ނަގަންވީމަ އެގޭނީ ކަލެއަކަށް ނޫން ! އަގަނުތަޅުވާހުރޭ !ކޮންމެ ތާކަށް ކުރިމަތިލިއަސް ކަލެއެއް ނުހޮވާނެ !