އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 329 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ފޯމް ހުށަހަޅާފައި ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، މިއަދުގެ ނިޔަލަށް ހަތް ޕާޓީއަކާއި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ފަރާތްތަކުން ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި އަދި އަމިއްލަ ގޮތުން ވާދަކުރާ 130 ފަރާތެއްގެ ފޯމް މިއަދުގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ވަކިވަކި ޕާޓީތަކަށް ބަލާއިރު، އެމްޑީޕީން 86 ކެންޑިޑޭޓެއް ފޯމް ހުށައަޅާފައިވާއިރު، ޕީޕީއެމްގެ ފަރާތުން 26 ކެންޑިޑޭޓުންގެ ފޯމާއި، ކޮންގްރެސް ޕާޓީގެ ފަރާތުން 23 ފޯމު ވަނީ ހުށަހަޅާފައެވެ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ފަރާތުން 8 ކެންޑިޑޭޓެއްގެ ފޯމު، ޖުމްހޫރީ ޕާޓީގެ ފަރާތުން 39 ކެންޑިޑޭޓުންގެ ފޯމު ވަނީ ހުށަހަޅާފައެވެ. އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެސްޓް (އެމްޓީޑީ) ގެ ފަރާތުން ފަސް ފޯމު އަދި ޑީއާރްޕީގެ ފަރާތުން ހަތަރު ކެންޑިޑޭޓެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އެވެ.

ކިޔުންތެރިންގެ ހިޔާލު