އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓްގައި، އެސްއޯއެފުން ޑޮލަރު ޖަމާކުރިކަމަށް ބުނެފައިވާ، މޭޖާ ނަވީން ޒުބެއިރާމެދު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ފިވަޅު އަޅުއްވާނެ ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިއަދު އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްްވަމުން މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އެސްއޯއެފުގެ އެކައުންޓުން މޭޖާ ނަވީން ޒުބެއިރަށް ފައިސާ ޖަމާކޮށްފައިވާކަން އެނގުނީ އޭސީސީގެ ރިޕޯޓް ނެރުމުން ކަމަށެވެ.

"މޭޖާ ނަވީން ޒުބެއިރު މިވަގުތު ހުންނެވީ ދެތިންހަފްތާގެ ވޯކްޝޮޕެއްގައި ރާއްޖެއިން ބޭރުގައި. މިހާރު ރާއްްޖޭން ބޭރުގަ ހުންނެވީމަ ސުވާލުކޮށް ކަންތައްކުރަން އެބަހުރި އަޅުގަނޑުމެންނަށް ބައެއް ލިމިޓޭޝަންތައް. ސަރުކާރުގެ ޕޮލިސީގެ ލެވެލްގަ އަޅުގަނޑުމެން އެ އަޅާގޮތަކަށް ފިޔަވަޅު އަޅާނެ،" ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

އޭސީސީއިން އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކާއި އެބޭފުޅުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެމްއެމްއޭ އާއި އޭސީސީ އަށް ވެސް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގިނަ ބަޔަކު ގެންދަނީ އެމްއެމްއޭ އާއި އޭސީސީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. ނަމަވެސް އެދެއިދާރާ އިން ވެސް ތުހުމަތުތައް ދޮގުކުރެއެވެ.

އޭސީސީގެ ރިޕޯޓުގައި ރާއްޖޭގެ 57 ރަށެއް ނުއަގުގައި ގަވާއިދާއި ހިލާފަށް ވިއްކާފައިވާ ކަމަށްވެސް ބުނެފައިވާއިރު، އެ ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭނެކަމަށް ބެލެވޭ 77 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު

    ތުންފަތުގަ ކުލަޖެއްސީމަ ވަރައް ސަޅިވާނެ

    7
    1