ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށާއި ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަމަވުން ރައީސް ޞާލިހް ވަނީ އެތަނެއްގެ ވެހި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއްކަމުގައި ސިފަކުރައްވައިފައެވެ. އަދި އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާ މެދު ފަޚުރުވެރިވާ ފަދައިން، ދިވެހި ބަހާމެދުވެސް ފަޚުރުވެރިވާންޖެހޭނެ. ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން މި ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައިފައެެވެ. މީގެ އިތުރުން ރައީސް ވަނީ ދިވެހިބަސް ދިރުވައި އާލާކުރުމަށް މިހާރު ކުރެވިދާނެ މަސައްކަތްތަކާއި މުސްތަޤްބަލުގައި ކުރެވިދާނެ ކަންތައްތައް ޙިއްޞާ ކުރައްވައިފައެވެ.

"ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތަޢުލީމީ މަރުޙަލާތަކުގައި ދިވެހި ބަހަށް އިސްކަންދީ ޤަދީމީ ދިވެހި ބަސް ދިރާސާކޮށްގެން. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އާ ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ އޭރުން." ރައީސް ވިދާޅުވިއެވެ.

އެބައެއްގެ މާދަރީ ބަހަށް ލޯބިކުރުމާއި، އެބަހެއް ދިރުވައި އާލާކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތުކަމުގައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ޝިޢާރުގެ މައްޗަށް ބައްލަވައިލައްވަމުން އެމަނިކުފާނު ވަނީ އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސްކަމުގައި ވިދާޅުވެފައެވެ. އަދި މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެންކަމުގައެވެ. އެހެންކަމުން ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަޚުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    ދިވެހި ބަހަށް އިސްކަން ދޭން ތިޔަހެން ބުނެލުމަކީ ވ ފަސޭހަ ކަމެއް. އެކަމަކު އެންމެ ތުއްތު ކުދިންނަށް ވެސް ކިޔަވައި ދޭންވީ ވެސް ރާއްޖޭގައި ހިންގާ ހުރިހާ ކޯހެއް ހިންގަންވީ ވެސް އަދި ސަރުކާރާއި ކުންފުނިތަކުގެ ލިޔެ ކިޔުންތައް ހުންނަން ވީ ވެސް އިނގިރޭސި ބަހުން

  2. ޖޮއްބެ

    ދިވެހިވަންތަ ކަމުގެ ބަދަލުގައި ޖަޒީރާ ވަންތަ ކުރަން އުޅޭ ބެއެއްނުތީ.....؟