ބޭރުން އަންނަ ބަޔަކު އަޅުކަން ކުރުމަށްޓަކައި ރާއްޖޭގައި ފައްޅިތައް ބިނާ ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖީލީހުން ވިދާޅުވެއްޖެއެވެ.

އީޔޫއިން ނެރުނު ގަރާރާއި ގުޅޭގޮތުން ފަތުވާ މަޖިލީހާއެކު މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މަޖިލީހުގެ މެންބަރު މޫސާ އަންވަރު ވިދާޅުވީ، ރާއްޖެއަކީ 100 އިންސައްތަ އިސްލާމް ގައުމެއްކަމަށްވާއިރު، ރާއްޖެއިން ބޭރުން އަންނަ ބަޔަކު އަޅުކަން ކުރުމަށްޓަކައި ފައްޅި ފަދަ ތަންތަން ބިނާ ނުކުރެވޭނެ ކަމަށެވެ.

މޫސާ އަންވަރު ވިދާޅުވީ، ކީރިތި ރަސޫލާގެ ބަަސްފުޅުތަކާއި، އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރުގައިވެސް އިސްލާމް ދީން ނޫން ދީނެއް އިސް ނުކުރެވޭނެކަމަށެވެ.

ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮތީ އިސްލާމް ދީންކަމަށްވާއިރުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މި ދެންނެވި ކަންތައްތަަކަށް ފުރުސަތު ދީފިކަމުގައި ވާނަމަ އޭގެ މާނައަކީ އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ މައްޗަށް އެހެން އިސް ކުރެވުނީއޭ.އެއީ ކަނޑައެޅިގެން ދީނުގެ އަސާސްތަކާއި ހިލާފުކަމެއް". މޫސާ އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، ދުވަހަކުވެސް ޔަހޫދިންނާއި ނަސާރާއިން މުސްލިމުންނަކަށް ހެވެއްްނޭދޭނެކަމަށް ކީރިތި ގުރުއާނުގައިވެސް ބަޔާންކޮށްފައިވާ ކަމަށާއި، އެއީ އެ މީހުންގެ ދީނަށް މުސްލިމުން ތަބާނުވާތީކަމަށެވެ.

"އެ މީހުން ބޭނުންވަނީ އިސްލާމް ދީން މިތަނުން ފޮހެލައި އެ މީހުން ބޭނުންވާ ކަންތައްތަކެއް ހާސިލް ކުރުން". އަންވަރު ވިދާޅުވިއެވެ.

އަންވަރު އިތުރަށް ވިދާޅުވިގޮތުގައި، މި ދުނިޔެއިން ބައެއް ގައުމުތައް ނެތިވެގެން ދިޔަ ގައުމުތަކުގެ ވާހަކަަތައް ބަލައި އޭގެން އިބްރަތް ހާސިލް ކުރަން ޖެހެއެވެ.

ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، މި ގައުމުގައި އެއްވެސް ކަހަލަ އިސްލާމް ދީން ނޫން އެހެން ދީނެއްގެ އެއްވެސް ކަހަލަ އަސަރެއް ނެތް ކަމަށެވެ. އެހެންކަމުން މި ގައުމުގައި އޮތް އިސްލާމް ދީން ރައްކާތެރި ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، އެއީ ހަމައެކަނި ދީނީ އިލްމުވެރިންގެ ޒިންމާއެއް ނޫންކަމަށް ވިދާޅުވިއެވެ.

"އިސްލާމްދީން ނޫން އެހެން ދީނަކަށް މި ދިވެހި ފަސްގަނޑުން އެއްވެސް ކަހަލަ އެހެން އަގީދާއަކަށް ޖާގައެއް ނެތް. އިރާދަކުރެއްވިއްޔާ މިތަނަކީ ﷲގެ ރަހުމަތްފުޅުން އޫރު ގެންގުޅޭ ތަނެއް ނޫން. ކުއްތާ ގެންގުޅޭ ތަނެއް ނޫން. މިތަނަކީ ބުދުކޯލެއް ފައްޅިއެއް ހުރިތަނެއް ނޫން. އެހެންވީމާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން މި މެންބަރުން މި ގޮވާލަނީ ހުރިހާ އެންމެންވެސް ދީނަށް ރައްކާތެރިވެގެން ދީން ދިފާއު ކުރުމަށް ތައްޔާރުވެގެން ތިބޭށެ". ޝެއިހް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިބްރާހިމް ރަޝީދު ވިދާޅުވީ، ރާއްޖޭގައި އަދަބުތައް ދިނުން އޮންނާނީ އިސްލާމް ދީނުގެ ޝަރީއަތާއި އެއްގޮތްވާތުގެ މަތިން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީވެސް މި އޮތީ އިސްލާމީ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެއްވެސް ކަހަލަ އިސްލާމްދީނަށް ފުށޫ އަރާ ކަމެއް އޮތްކަމުގައި ވަނީނަމަ އެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ގިނަ ޖަލްސަތަކުގައި އިސްލާމް ދީން ނޫން ދީނަކަށް މި ރާއްޖޭގައި ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށާއި، އެމަނިކުފާނު ފިޔަވާ އިތުރު ހާކިމަކު ސީލޯގެ 16 ވަނަ މާއްދާ އާއި 18 ވަނަ މާއްދާއަށް އިންކާރު ކުރި އެއްވެސް ވެރިޔަކު ނެތް ކަމަށެވެ.

"އެ މައްދާގައި މި އޮންނަނީ އެ މީހަކު ބޭނުންވާ މީހަކާއި، އަންހެނަކު އަންހެނަކާއި ފިރިހެނަކު ފިރިހެނަކާއި އަދި ފިރިހެނަކު އޭނާގެ އުހްތަކާއި، ބޭނުން މީހަކާއި ކައިވެނި ކުރެވިދާނެކަމަށް. އެ މިނިވަންކަން. އެ ދީނީ މިނިވަންކަން ހޯދަން ވެގެން މި އުޅެނީ. އަނެއް މާއްދާގައި މި އޮންނަނީ ހެނދުނު ބުދިއްސްޓަކަށް އުޅެފައި މެންދުރު ވާނީ ކްރިސްޓިއަނަކަށް، ހަވީރު ވާނީ މުސްލިމަކަށް ރޭގަނޑު ވެއްޖައީމާ ވާނީ ޔަހޫދީއަކަށް. މި މިނިވަންކަން ހޯދަންވެގެން މި އުޅެނީ. މިއީ ﷲ ރެހިވޮޑިނުގަންނަވާ ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް. މި ދެ މާއްދާއަށް އާއްމު ޖަލްސާތަކުގައި އަދި އަޅުގަނޑުމެންގެ ބޭރާއި ބެހޭ މިނިސްޓްރީ މެދުވެރި ކުރައްވައި އިއުލާނުކޮށްދެއްވާފައި ވަނީ މިއަދު ހުންނެވި އަޅުގަނޑުމެންގެ ވަލީއްޔުލް އަމްރު". މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އީޔޫ ޕާލިމެންޓުން ނެރުނު ގަރާރުގައި ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާށް ގޮވާލާފައެވެ. އަދި ސިޔާސީ ހައްޔަރީން ދޫކޮށްލުމާއި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިންނަށް ބައިވެރިވެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުމަށާއި، ރާއްޖޭގައި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެެރެޓްމާޓް

    ކޮބާ ރާއްޖެގަ އުޅޭ އަބުރަހާ ބާރީ އަލް ނަޝީދު ބިންތި ޝަޙިދު ބިން މާރިޔާ

  2. ހުވަދޫގެ އަޑު

    ސާބަހޭ ފަތުވާ މަޖިލިސް.

  3. މޫސާ

    ފައްޅި ނާޅަނީސް އަންނި ދެން އަނބުރާ ގައުމަކަށް ނާންނާނެ

  4. ައަލީ1

    ފައްޅިނެތަސް އެހެދީންތަކުގެ އަޅުކަންކުރާމީހުން މިގައުމުގަ އުޅޭ

  5. ޖާބިރު

    މޫނުބުރުގާ އެޅި މީހުނާއި ތުނބުޅި ލީފިރިހެނުން ވަޒީފާއިން ކަނޑަނީވެސް އެއީވެސް ހަމަދީނުގައި އޮންނަގޮތްތޯ ، ފަތުވާ މަޖިލީހުން ސާފުކޮއްލަދިންނަމަ ވަރަށް ފުރިހަމަވީސް

  6. އަހްމަދު

    ޔަހޫދީން ކިޔާ އެއްޗަކަށް ބަލާނެ ކަމެއްނެތް. ތިބޭފުޅުން ސާބިތުވެ ތިއްބަވާ. އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާ އެކީ.

  7. ސާރާ

    ރަޝީދު އަކީ ދީނީ އިލްމުވެރިއަކަށް ވެދާނެ. އެކަމަކު ރަނގަޅު ދީނީ އިލްމުވެރިއެއްނަމަ މަސައްކަތް ކުރަން ޖެހޭނީ ތިމާގެ މަގާމުގެ ހައްގުގައެއްނޫން އެކަމަކު މުޖުތަމައުގައި ދީނީ ހަމަޖެހުން ގާއިމް ކުރެވޭނެ އުސޫލަކުން. ޝައްކެއްވެސްނެތް، މިގައުމުގައި އެހެން ދީނަކަށް ޖާގަ ދެވިގެން ނޫވާނެ. އެކަމަކު ތިވިދާލުވާ އީޔޫ ގަރާރުގައި ﷲގެ ދީނަށްޓަކައި ކުރުން މުހިންމު ކަންތައްތަކެއްގެ ވާހަކަވެސް އެބަވޭ. މީސްތަކުންގެ މެދުގައި އަދުލު ގާއިމު ކުރުމާއި އޯގާތެރިކަމާ އިންސާފު އިސްކުރުމަށާއި އަނިޔާ ކުރުމާއި ހައްގުތަކަށް އަރައިގަތުން މަނާކުރުމާއި މިއީވެސް އެގަރާރުގައި ހިމެނޭ ބައެއް ކަންކަން. ވީއިރު މިކަންކަން ހަނދާންކޮށްދީ އެކަންކަން އެގޮތަށް ކުރުމުގެ މުހިންމުކަން ދީނުގައިވާ ގޮތާއި މިންވަރު ހާކިމާއަށް އޮޅުންފިލުވަެި ނުދެނީ ކީއްވެތޯ ؟ ހަމައެކަނި އޭގައިވާ ނަހީކުރެއްވި ކަންތައްތަކުގެ ވާހަކަ ވަކި ސިޔާސީ ވިސްނުމަކުން ދެއްކުމުގެ ބަދަލުގައި.