ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ "އެންޓި ޑިފެކްޝަން ޤާނޫނު" ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނޫން ކަމަށާއި، އެ ޤާނޫނަށް އަމަލު ނުކުރެވެންވީ ޤާނޫނީ ހަމައެއް ނެތްކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ޤާނޫނު އަސާސީއާއި ހިލާފު ޤާނޫނެއް ކަމަށްބުނެ އެ ޤާނޫނު ބާތިލުކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ އެ މައްސަލައިގެ އިޖުރާޢީ އަޑުއެހުމެކެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅިއިރު މައްސަލަ ހުށަހާޅާ ފޯމުގައި "އެންޓި ޑިފެކްޝަން ބިލް" ކަމަށް ބުނެފައިވާތީ، މިއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ނުބެލޭނެކަމަށް ދައުލަތުގެ ވަކީލާ ޝަފާ ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވަނީ މި މައްސަލައަކީ ބެލޭނެ މައްސައެއްގެ ގޮތުގައެވެ. ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި މި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު ޢަދަމް މުޙައްމަދު ޢަބްދުﷲއެވެ.

އިދިކޮޅު ފަރާތްތަކުގެ ވަކީލާ ޝަފާ ޝަރީޕް ވިދާޅުވީ، މި ޤާނޫނު މަޖިލީހަށް ބިލެއްގެ ގޮތުގައި ބަލައިގަނެ، ވޯޓަށް އަހާފައިވަނީ ޤާނޫނުއަސާސީއާއި، ރައްޔިތުން މަޖިލީހުގެ ގަވާއިދާވެސް ހިލާފަށް ކަމަށެވެ. އެގޮތުން އެ ބިލަށް ވޯޓަށް އަހާފައިވަނީ މަޖިލީހުގެ ފަސް މެންބަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ، މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަސް މެންބަރުން މަޖިލީހަށް ހާޒިރުކުރުމެއް ނެތި ކަމަށް ޝަފާ ވިދާޅުވިއެވެ.

ޝަފާ އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި މަޖިލީހުގެ މެމްބަރުން ވަކިވާނެ ހަތަރު ހާލަތެއް ބަޔާންކޮށްދީފައިވާއިރު، އެ ހަތަރު ހާލަތް އޮއްވައި މެންބަރުކަމުން ވަކިވާނެ އިތުރު ހާލަތެއް ގެނެވިގެން ނުވާނެކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އަތުން ނިގުޅައިގަނެ، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދޫކޮށްލާފައިވުމުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތު ފިޔަވައި އިތުރު ހާލަތެއް ކަނޑައެޅޭނެތޯ، ފަނޑިޔާރު އަބްދުﷲ ދީދީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މެންބަރުންގެ ދިފާއީ ވަކީލް ޝަފާއާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެކަމަކީ ޤާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިތުރު ހާލަތެއް ގެނެވޭނީ ޤާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

މާޒީއަށް ރުޖޫއަ ވާ ގޮތަށް ޤާނޫނުތައް ފާސްކުރުމަކީ ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އަމުރާ ހިލާފުކަމެއް ކަމަށާއި، މި ޤާނޫނަކީ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލައި މެންބަރުންނަށް ނުފޫޒުފޯރުވޭގޮތަށް ފަރުމާކޮށްފައިވާ ޤާނޫނެއް ކަމަށްވެސް ޝާފާ ވިދާޅުވިއެވެ.

ޝަފާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މަޒީއަށް ރުޖޫއަވެވޭ ގޮތަށް ޤާނޫނުތައް ފާސްކޮށްފައި އެބަހުރި ކަމަށާއި، އެގޮތުން ޓޫރިޒަމް ޤާނޫނަށް ގެނައި އަށްވަނަ އިސްލާހް ފާހަގަކުރެއްވިއެވެ. އަދި ޤާނޫނެއްގައި މާޒީއަށް ރުޖޫއަވެވޭގޮތަށް ކަނޑައަޅައި ބަޔާންކޮށްފިނަމަ އެގޮތަށް އަމަލު ކުރެވޭނެކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލާ ވިދާޅުވީ، ޤާނޫނުގައި ޖިނާއީ އަދަބެއް ދިނުމާ ގުޅޭ ކަމެއް ނެތް ނަމަ، މާޒީގައި ހުރި ކަންކަމަށް ރުޖޫއަވެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުންވެސް ކަނޑައަޅާފައިވާކަމަށެވެ. މީގެ އިތުރުން އެންޓި ޑިފެކްޝަން ޤާނޫނު ފަރުމާކޮށްފައިވަނީ 2017 ޖުލައި 13 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ކަމަށާއި، އެ ހުކުމުގައި ފާހަގަކޮށްފައިނުވާ އެއްވެސް ކަމެއް އެ ޤާނޫނުގައި ހިމަނާފައި ނުވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

13 މާރިޗު 2018 ގައި ފާސްކޮށްފައިވާ "އެންޓި -ޑިފެކްޝަން ބިލް" ޤާނޫނަކަށް ވެފައިވާއިރު، އެ ޤާނުނުގެ ދެވަނަ ބާބުގައި ބަޔާންކޮށްގފައިވާ ގޮތުންނަމަ، 2018 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހިސާބުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި ޤާނޫނާއެކު ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް 2018 މާރިޗް 20 ވާ އަންގާރަ ދުވަހު އޮންނާނެކަން އިއުލާނު ކުރުމަށްފަހުއެވެ.