ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ، އިރުތިޝާމް ގެ ތާޢީދު ދުވަހެއް ދުވަހަކަށް އެ ދާއިރާގައި އަންނަނީ އިތުރުވަމުންނެވެ.

ދާއިރާގެ ގޭގެއަށް ޒިޔާރަތް ކުރުމާއި، ރައްޔިތުންގެ ޚިޔާލު ހޯދުމާއި، އެ ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ އަޑު އެހުމުގައި ކޮންމެ ދުވަހަކުވެސް އިރުތިޝާމް އަންނަނީ ގިނަ ވަގުތު ތަކެއް ހޭދަކުރަމުންނެވެ.

އިރުތިޝާމްގެ ކެމްޕެއިންގެ ކަންކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ދެއްވަމުން، އިރުތިޝާމްގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ބޭފުޅަކު ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި، ކޮންމެ ދުވަހަކުވެސް ގޭގެއަށް ޒިޔާރަތްކޮށް، ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވަމުންގެންދާ ކަމަށާއި، އަދި މިކަމުގައި ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއްވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ހަމައެއާއި އެކު މި ކެމްޕެއިނުގައި އިރުތިޝާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް އެހާމެ ބޮޑުކަމަށް އެ ޓީމުން މަޢުލޫމާތު ދެއްވައެވެ.

"މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ޕޯސްޓަރުތައް ނައްޓާލާފަ. އަދި ދާދިފަހުން ވަނީ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފަ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު، މާލޭގެ އެކި ސަހަރައްދުގައި ހަރުކޮށްފައި ހުރި ބޮޑެތި، ބައެއް ކެންވަސްތައް ވަނީ ވީދާލާފަ. މި ކަންކަމަކީ ދާއިރާގެ އިދިކޮޅު ކެނޑިޑޭޓުންނާއި އިރުތިޝާމާއި ޖައްސަން ބަޔަކު ކުރާ ކަމެއްގެ ގޮތުގައި އިރުތިޝާމް ވަނީ ސިފަކުރައްވާފަ." އިރުތިޝާމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއްވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބަޔަކު ރާވައިގެން މިފަދަ ނާތަޙުޒީބު ކަންކަން ކުރަނީ، އިރުތިޝާމަށް އޮންނަ ތާޢީދަށް ހަސަދަވެރިވާ ބައެއް ކަމަށާއި، ދާއިރާގެ އެއްވެސް ރައްޔިތަކު މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އެދޭ ކަމަށެވެ.

"މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގަނީ، ސިޔާސީ ގޮތުން އެކަމަނާއަށް އޮންނަ ތާޢީދަށް ހަސަދަވެރިވާ ބައެއް. ހަމަ ޤައިމުވެސް ހެންވޭރު ދެކުނު ދާއިރާގެ އެއްވެސް ރައްޔިތަކު މިފަދަ ކަންކަމަށް ތަރުޙީބެއް ނުދޭނެ. ކުރިއަށް އޮތް ތަނުގައިވެސް އިރުތިޝާމްގެ ކެމްޕެއިން ޓީމު ދާއިރާގެ ގޭގެއަށް ޒިޔާރަތް ކުރާނެ." އިރުތިޝާމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއްވިއެވެ.

ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު