އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކަށް މިވަގުތު ގޭގައި ހުންނެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑްކޮށްފައި ހުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާޒު ވިދާޅުވީ މަހްލޫފްގެ މައްޗަށް ކަމެއް ހުށަހެޅިއްޖެ ނަމަ، އޭނާ ޖެހޭނީ ވަކިކުރަން ކަމަށެވެ.

" ވަޒީރުން ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން. ސަސްޕެންޑްކޮށްފައި ގޭގައި ނުބެހެއްޓޭނެ. މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފްކަމެއް. ގާނޫނުއަސާސީ ކުށްވެރި ކުރުމުގެ އެއްވެސް ޖާގައެއް ނެތް " އޭނާ ވިދާޅުވިއެވެ.

މަޖިލިހަށް ޖަވާބުދާރީވާނެ ވަޒީރަކު ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ ރިޔާޒު ވިދާޅުވީ ގަނޫނުއަސާސީގައި ވެސް މިކަން އޮންނަ އިރު، މިިހާރުގެ ހާލަތުގައި ޖަވާބުދާރީވާނީ ކާކުތޯ އޭނާ ސުވާލު އުފައްދާފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ޖަމާވިކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާތީ ދިފާއުގައި މަހުލޫފް ބަޔާނެއް ނެރެފައިވެއެވެ.

މަހުލޫފްގެ އެ ބަޔާނުގައި ބުނެފައި ވަނީ، އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށެވެ. އަދި އެކަން އޭނާއަށް އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އޭގެ އިތުރަށް މަހްލޫފް ވިދާޅުވީ، އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ"ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ ސައްހަ މައާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީން އެ މައުލޫމާތު ރައްޔިތުންނަށް ސާފްކޮށްދިނުމަށް އެދޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރ އާޒިމް ,ފެންކުންފުނީގެ ޗެއާމަން މައުސޫމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވެސް ރައީސް ވަނީ އަންގަވައިފައެވެ.