އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާކަމަށް، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވީ، ޗެނަލް 13 ން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންޑިޔާއަށް މިހާތަނަށް ރާއްޖެއާއި ދޭތެރޭ ހެދުނު އެންމެ ބޮޑު ގޯހަކީ، ނޮވެމްބަރު ތިނެއްގަ އައި ސިފައިން ބޭލުން ކަމަށް އިންޑިޔާއިން ޤަބޫލުކުރަނީ. އެހެންވީމަ، ސިފައިންގެ ޕްރެސެންސް އެއް އޮންނަންޖެހޭނެ ކަމަށް ވަރަށް ބޮޑަށް އެބަ ބެލެވޭ. އަޅުގަނޑުމެން ސަރުކާރުގަ ތިބި އިރުގަ މިކަން ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެކަމަކަށް ފުރުޞަތެއް ނުދެއްވި. ނަމަވެސް މި ސަރުކާރު ނިމުމާއި އެކު އަނެއްކާވެސް އެއްކަލަ ސިފައިންތައް އައިސް ރާއްޖޭގައި އެބަތިބި. އެހެންވީމަ އެމީހުންގެ ޕްރެސެންސް އެއް ހަމަޤައިމުވެސް ރާއްޖޭގަ އެބަ އޮތް." ޝައިނީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، މިހާރުގެ ފޮރިންގ މިނިސްޓަރަކީވެސް ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަސަރުކުރާފަދަ ވާހަކަތަކެއް ދައްވަވާފައިވާ ހުންނެވި ބޭފުޅެއް ކަމަށާއި، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ ފަރާތުންވެސް މިފަދަ ކަންކަން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.

"މީގެ ދޭތެރެއަކުން ޑިފެންސް މިނިސްޓަރ ވަޑައިގެން ދެއްކެވި ވާހަކަތަކެއްގެ ތެރޭގައި ރާއްޖޭގެ ސިފައިންގެ ފެންވަރު ނެތް ވާހަކަ އާއި، ބޭނުންވެއްޖެއްޔާމު މި ޤައުމު ހިފޭނެ ވާހަކައާއި މިފަދަ ވާހަތަކެއް ދައްކަވައިފި. ހަމަ އެގޮތަށް ސިފައިންނަށް ހަޖޫ ޖެއްސެވި ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރ އަޅުގަނޑުމެންނަށް ފަހަގަވެގެން ހިނގައްޖެ." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އަކީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން، ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ބޭފުޅެކެވެ. މެދުނުކެނޑި 27 އަހަރު ވަންދެން، އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ޝައިނީ އަކީ ޢިލްމީ، ޤާބިލް ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.