ހަދަމުންދިޔަ އިމާރާތަކުން ބޮލަށް ސިމިންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ބަންގްލަދޭޝްގެ ކުއްޖާ، ރައުޝާން ޖިއާންގެ މަރާ ގުޅިގެން ދައުވާ ކޮށްފައިވާ ހަ މީހެއްގެ ޝަރިއާތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.

ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ. އެސަރަޙައްދުގެ ތިރިން ކުއްޖާގެ މަންމައާއެކު ހިނގާފައި ދަނިކޮށް މިކަން ހިނގާފައިވާއިރު، އެމަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމުވެފައިވެއެވެ.

ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން ދިޔަ އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއް ވެއްޓި ޖިއާން މަރުވި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މި މަހުގެ ކުރީކޮޅުއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ރައުޝާން ޖިއާންގެ މަރާއި ގުޅިގެން ހަ މީހެެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ. އަދި އެ މައްސަލާގާއި ދައުވާ އުފުލާފައިވަނީ ހަތަރު އިންޑިއާ މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. އިންޑިއާ މީހުންނަކީ އެ ތަނުގައި މަސައްކަތް ކުރަން އުޅުނު މީހުންނެވެ.

އެ މަައްސަލާގައި ދައުވާ އުފުލާފައިވާ ދެ ދިވެހިންގެ ތެރެއިން އެކަކީ ޑަބްލިވް ކޮންސްޓްރަކްޝަންގެ ސައިޓް ސުޕާވައިޒަރެވެ. އަދި ދެން ހުރި ދިވެހި މީހާއަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. މި ދެމީހުންގެ މައްޗަށްވެސްކޮށްފައި ވަނީ، މަރުވެމީހަކު ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.

ބަޔާނުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ފަރީދީ މަގުގައި ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތްކުރިއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވާތީ ކަމަށެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އެ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ