ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ، އިލްޔާސް ފަރުހާދު (އިއްލި) އަކީ އެ ދާއިރާގެ ރައްޔިތުންނަށް އެންމެ ރަނގަޅު ޗޮއިސްކަމަށް އެ ދާއިރާގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އިއްލި އަކީ ސިޔާސީ ދާއިރާ އަށް އައު ބޭފުޅެއް ނޫނެވެ. ސިޔާސީ ގޮތުން ކުރެވުނު އިސްލާޙީ ހުރިހާ މަސައްކަތެއްގައި އިއްލި ގެ ދައުރު ވަރަށް ބޮޑެވެ. ސިޔާސީ މައިދާނުގައި އިއްލި ފާހަގަކުރެވެނީ، ރައީސް އަލްއުސްތާޒު މަޢުމޫނު ޢަބްދުލްޤައްޔޫމަށް ނުހަނު އިޚްލާޞްތެރި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ވަޙީދުގެ ސަރުކާރު ގައްޔާއި، ރައީސް ޔާމީންގެ ސަރުކާރުގައިވެސް ސިޔާސީ ގޮތުން އެތަށް މަސައްކަތެއް އިއްލި ވަނީ ކުރައްވާފައެވެ.

މަޖިލިސް މެމްބަރެއްގެ ޙައިޞިއްޔަތުން، ޤައުމަށް ޚިދުމަތް ކުރުމަކީ އިއްލި ގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެގޮތުން އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް އިއްލި އަކީ، ސިޔާސީ ބޭފުޅުންގެ މަޝްވަރާއާއި އިރުޝާދުތައް އަޑު އަހާ، އެގޮތަށް ޢަމަލުކުރައްވާ ބޭފުޅަކަށްވާތީ، އެ ފަހަރު އެ ފުރުޞަތު ދޫކޮށްލެއްވީއެވެ.

އިއްލި، ނައިބު ރައީސް ފައިސަލް އާއި އެކު

ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ ދިރިއުޅެމުން އައި ގޮތާއި، މަޖިލިސް ތެރެއިން ހާޞިލްކުރެވިފައިވާ މިންވަރު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެއްބޭފުޅަކަށްވާނީ އިއްލި ކަން ކަށަވަރެވެ. ފެށުނީންސުރެ އިއްލި ދިރިއުޅެމުން އެ ގެންދަވަނީ އެ ދާއިރާގައެވެ. ނުދަންނަ ގެއެއް، ނުދަންނަ މީހެއް ނެތެވެ.

ކަންމިހެން ހުރި އިރު، ނަވާރަ ނަމަ ރައްޔިތުންގެ މަޖިލީހަށް އިއްލި ކުރިމަތި ލައްވަނީ ތަޞައްވަރުތަކަކާއި އެކީއެވެ. އެގޮތުން ޖުމްލަ ހަތަރު ތަޞައްވަރެއްގެ މައްޗަށް އިއްލި ގެ މެނިފެސްޓޯ ވަނީ އެކުލަވާލައްވާފައެވެ. ޤައުމިއްޔަތު ނެގެހެއްޓުމާއި، ތަޢުލީމީ ރަނގަޅު މުޖްތަމަޢެއް ބިނާ ކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގެ ވެއްޓެއް ޤާއިމު ކުރުމާއި، އިޤްތިޞާދީ ގޮތުން ބާރުވެރި ރައްޔިތަކު ދިރިއުޅޭ ދާއިރާ އަކަށް މާފަންނު މެދު ދާއިރާ ހެދުމަކީ އިއްލި ގެ އުންމީދެވެ.

"އަޅުގަނޑު މި ނިކުންނަނީ ތަޞައްވަރުތަކަކާއި އެކު. އަޅުގަނޑަށް އެނގޭ މިކަންކަން މަޖިލިސް ތެރެއިން ޙާޞިލްކުރާނެ ގޮތް. އަޅުގަނޑަކީ މާޒީގައިވެސް ރައްޔިތުންގެ ހައްޤުގައި އެތަށް މަސައްކަތްތަކެއް ކުރި މީހެއް. އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އޭރުގެ ސަރުކާރު ހިންގާ ޕާޓީން އަލަށް ހޮވުނު މެމްބަރުން ހޮވިފައިވާނީ އަޅުގަނޑުގެ ވަރަށް ބޮޑު ޙިއްސާއަކާއި އެކު. މިފަހަރު އަޅުގަނޑު މިހުރީ ނިކުމެ. އިރާދަކުރެއްވިއްޔާ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް އެންމެ ރަނގަޅު ޗޮއިސް އަކަށްވާނީ އަޅުގަނޑު. " "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އިއްލި ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް އިއްލި ވާދަކުރައްވަނީ ރައީސް މަޢުމޫނުގެ ފުރިހަމަ ތަޢީދާއި އެކުއެވެ. ރައީސް މަޢުލޫމު ތާއީދު ކުރައްވާ ބޭފުޅުންނަށް ހަވާލުކުރެއްވި ލިޔުން، އިއްލި އާ ވެސް ވަނީ ހަވާލުކުރައްވާފައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުރާ

    އިއްލި އަށް މިދާއިރާގެ އެއްވެސް ކަމެއް ނޭނގޭކަމުގެ ހެއްކެއް، މިދާއިރާގެ ރައްޔިތެއް މަވެސްމީ. އަދި އިއްލި އެއީ ކާކުކަން ވަރަށް ގާތުން ދަންނަވެސް މީހެއް. އެކަމަކު އިއްލިޔަކަށް ނޭނގޭ މަމީ މާފަންނު މެދު ދާއިރާ މީހެއް ކަމެއް. ދެން ވާނެ ގޮތެއް ވިސްނަވާލައްވާ.

    3
    1