ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ފަރުހާދު (އިއްލި) އާ ވާހަކަ ނުދެކެވޭނެ މީހެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެެއްވަމުން އިއްލި ވިދާޅުވީ، އޭނާ އަކީ އަބަދުވެސް މީހުންނާއި ވަރަށް ގުޅިގެން މަސައްކަތް ކުރާހިތްވާ މީހެއް ކަމަށާއި، ދާއިރާގެ އެންމެންވެސް އެކަމަށް ހެކިވާނެ ކަމަށެވެ.

"ބައެއް ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑަކީ ވަކި ފިކުރެއްގެ ބަޔަކާއި ވާހަކަ ނުދެކެވޭނެ މީހެކޭ. އެއީ ކަނޑައެޅިގެން އޮޅުވާލުމެއް. އަޅުގަނޑު ނިކުމެ މިހުރީ މުޅި ދާއިރާއާއި ޤައުމަށް ޚިދުމަތް ކުރުމަށް. އަޅުގަނޑާއި ވާހަކަނުދެކެވޭނެ އެއްވެސް މީހެއް ނުހުންނާނެ. އަޅުގަނޑަކީ މީހުންނާއި ގުޅިގެން މަސައްކަތް ކުރާ ހިތްވާ މީހެއް." އިއްލި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިއްލި ވިދާޅުވީ، މީހަކަށް ކަމެއް ކޮށްދީފަ، ނުވަތަ ކަމަކަށް މަގު ފަހިކޮށްދީފަ، އޭގެ ބަދަލުގައި އެއްވެސް ކްރެޑިޓެއް ބޭނުންނުވާ ކަމަށާއި، މާޒީގައިވެސް އެކަން ކޮށްފައިވާނީ އެ މަގުން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ކަމެއްގަ ކްރެޑިޓެއް ބޭނުންވާ މީހެއް ނޫން. އަޅުގަނޑުގެ ފަރާތުންވެސް ހަމަ ވަރަށް ގިނަ ކަންކަން އެކި މީހުންނަށް ވެފަ ހުންނާނީ. އަޅުގަނޑަކީ ކޮންމެ ކަމެއް ކޮށްފަ ފޮޓޯ ނަގާ މީހެއް ނޫން. ސޯޝަލް މީޑިޔާގައި އެކަންކަން އާއްމު ކުރަން ބޭނުންވާ މީހެއް ނޫން." އިއްލި ވިދާޅުވިއެވެ.

މަޖިލިސް މެމްބަރެއްގެ ޙައިޞިއްޔަތުން، ޤައުމަށް ޚިދުމަތް ކުރުމަކީ އިއްލި ގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ޤައުމިއްޔަތު ނެގެހެއްޓުމާއި، ތަޢުލީމީ ރަނގަޅު މުޖްތަމަޢެއް ބިނާ ކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގެ ވެއްޓެއް ޤާއިމު ކުރުމާއި، އިޤްތިޞާދީ ގޮތުން ބާރުވެރި ރައްޔިތަކު ދިރިއުޅޭ ދާއިރާ އަކަށް މާފަންނު މެދު ދާއިރާ ހެދުމަކީ އިއްލި ގެ ވަރަށް ބޮޑު އުންމީދެއްވެސް މެއެވެ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް އިއްލި ވާދަކުރައްވަނީ ރައީސް އަލްުއުސްތާޒު މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ފުރިހަމަ ތާޢީދާއި އެކުއެވެ

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.