އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ގިނަ ބޭފުޅުންނާ ޚިލާފަށް މުޅިން އަމިއްލަ ވަރަށް ތަފާތު ތަސައްވުރެއްވެސް އާދަމް ތައުފީޤް ހުށައަޅުއްވާފައިވެއެވެ.

މާބޮޑު ބަޖެޓަކާ ނުލާ ކުޑަ ޚަރަދަކުން ދާއިރާގެ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ލާބަޔަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ތައުފީޤްގެ ތަސައްވުރުގައި ލިޔުއްވާފައި އެބައޮތެވެ. މައިގަނޑު 7 ދާއިރާއެއްގެ މައްޗަށް އެކުލެވިގެންވާ މި ތަސައްވުރުގެ މައްޗަށް އަލިއަޅުވާލާ، މިފަހަރު މި ހިމަނާލަނީ، އޭނާގެ ތަސައްވަރުގައި ހިމަނާފައިވާ ފުރަތަމަ ކަންތައްތައް ކަމުގައިވާ ޢަދުލުވެރިކަން އެންމެނަށް ހޯދާދިނުމަށް ތައުފީޤް މަސައްކަތް ކުރައްވާނެ ގޮތުގެ ތަފްސީލްއެވެ.

1 ޢަދުލުވެރިކަން އެންމެނަށް

1.1 އިންސާފު – ހަމަހަމަކަން ދެމެހެއްޓުމަށް

ޖުޑީޝަލް ސާވިސްކޮމިޝަން އުފެދިފައިވާގޮތަށް ބަދަލުގެނައުމުގެ ބިލް މަޖިލީހަށް ވެއްދުން

* ޖުޑީޝަލް ސާވިސްކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ވަކިކުރުމުގެ ބާރުއޮތް ކޮމިޝަނެވެ. އެ ކޮމިޝަނުގައި މަތީ ކޯޓުތަކުންނާއި ދަށުކޯޓުތަކުން އިންތިޚާބުކުރާ މެމްބަރުންނަކީ ޚިދުމަތުގަ ތިއްބެވި ފަނޑިޔާރުންކަމުގައި ނޫނީ ނުވެއެވެ. ކޮމިޝަނަށް ހުށައެޅޭ މައްސަލަތައްބަލާ ކޮމެޓީގައި ތިބެނީ ފަނޑިޔާރުންނާ އެކުގައި މަސައްކަތް ކުރާ ގާތް މީހުން ކަމަށްވުމުން، މިކަމުގައި ޒާތީ މަސްލަޙަތު އެބައޮތެވެ. މިއީ ޢަދުލުއިންސާފަށް އޮތް އެއްހުރަހެވެ.

* ރާއްޖޭގެ ކޯޓުތަކާއި މަތީ ކޯޓުތައް ސިޔާސީ ނުފޫޒުތަކުން ސަލާމަތްކުރަންޖެހެއެވެ. މިކަން ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ އިސްފަރާތްތަކުގެ ވަކިތަކުން ސަލާމަތްކުރެވިގެންނެވެ. ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އެއްވެސް ޙައިސިއްޔަތަކުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތަމްސީލް ނުކުރެވޭނޭގޮތަށް ޤާނޫނު އިސްލާޙުކުރަންޖެހެއެވެ.

* ޖުޑީޝަލް ސަރވިސް ކޮމިޝަން ތަމްޞީލުކުރަން މަތީ ކޯޓުތަކުންނާއި ދަށު ކޯޓުތަކުން އަދި އެހެނިހެން ދާއިރާތަކުން އިންތިޚާބުކުރެވޭ މެންބަރުންނަކީ، ނަޒާހަޔްތެރި، ފެންވަރު ރަނގަޅު، އަދި ދާއިރާގައި ޚިދުމަތް ކުރެއްވުމަށް ފަހު ޚިދުމަތުން ބޭރުގަ ތިއްބެވި އަބުރުވެރި ބޭފުޅުންނަށްހަދަން ޖެހެއެވެ.

1.2 ސިޔާސީ ފިކުރަކީ ޖިނާޢީ އަދި މަދަނީ އަދަބު ނުލިބޭ ކަމަކަށް ހެދުމުގެ ބިލްމަޖިލީހަށް ވެއްދުން

* މީހަކު ތާއީދުކުރާ ޕާޓީއަކުން, ތާއީދު ހޯދުމަށް މަސައްކަތްކުރާ ލީޑަރެއްގެ ސަބަބުން ވަޒީފާޔާ ވިޔަފާރިޔާ އަދި ނަމާއި އަބުރުވެރިކަމަށް އެއްވެސްކަހަލަ އަނިޔާއެއް ލިބިގެންނުވާނެއެވެ. ކޮންމެ ރައްޔިތަކަށްވެސް އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭގޮތުން ދުލާއި ޤަލަމުން އަދި އެހެންކަހަލަ ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ޚިޔާލުފާޅުކުރެވެންވާނެއެވެ. ހަމަ ކޮންމެ މީހަކަށްމެ އެމީހެއްގެ ނަމާ ޢަބުރާއި ޢިއްޒަތާއި ޝަރަފްވެރިކަން ދިފާޢުކުރުމުބެ ޙައްޤު އޮންނަންވާނެއެވެ.

1.3 ބިލްތަކަށް ދާއިރާގެ ބަސް ހޯދުން

* ކޮންމެ ޤާނޫނަކީވެސް އޭގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ ދިރިއުޅުމާއި ޢާމްދަނީއަށް އަސަރުކުރާނެ ކަންކަމެވެ. އެހެންކަމުން ކޮންމެ ބިލަކާ ދޭތެރޭގައިވެސް އަޅުގަނޑު ވާހަކަދައްކާ ޚިޔާލުފާޅުކޮށް ޢަމަލުކުރާނީ ދާއިރާއަށް އައިސް ރައްޔިތުންގެ ބަހާއި ޚިޔާލުހޯދާ، ރައްޔިތުންގެ ވިސްނުމާ ފިކުރާ އެއްގޮތަށެވެ.