ކުރިއަށްއޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ލިބިއްޖެކަމަށްވާނަމަ، ތަންފީޒުކުރައްވާނީ ރައްޔިތުންގެ އެޖެންޑާ ކަމަށް، ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ، މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ވިދާޅުވެއްޖެއެވެ.

މޯޑު މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދިން، ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު މި އެދެނީ ކުރިއަށް އޮތް އިންތިޚާބުގައި އަޅިގަނޑު ހޮއްވަވައިދެއްވުމަށް. އަޅުގަނޑު މަސަައްކަތް ކުރާނީ ރައްޔިތުންގެ ލާބަ އަށް. އަޅުގަނޑުގެ އެޖެންޑާ އަކީ އެޖެންޑާ 19 އެއް ނޫން. އަޅުގަނޑުގެ އެޖެންޑާ އަކީ ރައްޔިތުންގެ އެޖެންޑާ. އަޅުގަނޑުގެ ކެނޑިޑޭޓު ނަމްބަރަކީ ކެނޑިޑޭޓު ނަމްބަރ ހަތަރެއް، މުޙައްމަދު ރަޝީދު، މެޓްރިކްސް މޯޑު." މޯޑު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މޯޑު ވިދާޅުވީ، ރައްޔިތުން ތިބީ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ތާށިވެފައި ކަމަށާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދައިގެން ނޫނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސް ނުދެވޭނެ ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީ އެެއްގެ ޓިކެޓުގައި ހުންނަ މީހަކަށް ވޯޓު ދިނުމުގެ ބަދަލުގައި، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރެވޭނީ ކާކަށްތޯ ބަލައި، އެމީހަކަށް ވޯޓު ދިނުމަކީ މުޙިއްމު ކަމެއް ކަމަށްވެސް މޯޑު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ވަރަށް ބިޔަ، ބޮޑު. ހިތަދޫ ދެކުނު ދާއިރާގަ އެކަންޏެއް ނޫން، މުޅި ހިތަދޫގައިވެސް ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. އަސާސީ ޚިދުމަތުން ފެށިގެން ވެސް، އަޅުގަނޑުމެން ކުރަންޖެހި ނުކުރެވިފައި ހުރި ކިތަންމެ ކަމެއް އެބަހުރި. ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އަޅުގަނޑުމެން މި ތިބެނީ ތާށީވެފަ. ސިޔާސީ ލީޑަރުން، އެބޭފުޅުންގެ ބޭނުންތަކަށްޓަކައި، ނޫނީ އެބޭފުޅުން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށްޓަކައި އަޅުގަނޑުމެން، ރައްޔިތުން ބޭނުންކުރަމުން މި ދަނީ. ޤަބޫލުކުރަން މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން ރާއްޖެ ހިނގަމުންދާކަން. ނަމަވެސް އެކަން އެކަށީގެންވާ ގޮތަކަށް މިއަދާއި ހަމައަށް އައިއިރު ވެފައެއް ނެތް. އެހެންކަމުން ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ނުވަތަ މަޝްވަރާގެ މަތިން ރައްޔިތުންގެ އަޑު އިއްވާނެ މީހަކަށް ފުރުޞަތު ދިނުން. އެމީހަކީ އަޅުގަނޑު." މޯޑު ވިދާޅުވިއެވެ.

މެޓްރިކްސް މޯޑަކީ ހިތަދޫގައި ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ވަނީ ވަރަށް އިސްކޮށް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ. މެޓްރިކްސް މޯޑަކީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ ރައީސް ސޯލިހް ވެރިކަމަށް އައިތާ ދުވަސްކޮޅެއް ފަހުންނެވެ.

މެޓްތިކްސް މޯޑުގެ ކެމްޕެއިން ޕޯސްޓަރެއް

މޯޑާއެކު ދެން އެދާއިރާއަށް ވާދަކުރައްވާނީ އެމްޑީޕީ ކެނޑިޑޭޓް އިބްރާހީމް ނާޒިލްއާއި އަމިއްލަ ކެނޑިޑޭޓް އިބްރާހީމްގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.

މުޙައްމަދު ރަޝީދު ވަނީ، ހިދަތޫ މެދު ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާފައެވެ.

މިއަހަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.