އަންނަ މަހު ރާއްޖޭގައި އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބު ކޮމަންވެލްތުން އޮބްޒާވް ކުރާނެ ކަމަށް އެޖަމާޢަތުން ބުނެފިއެވެ.

ކޮމަންވެލްތުގެ ވެބްސައިޓްގައި މިއަދު އާއްމުކޮށްފައިވާ ޚަބަރެއްގައި ބުނީ އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގަންނަވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން އެވެ.

ކޮމަންވެލްތުން ރާއްޖޭގެ އިންތިޚާބު އޮބްޒާވް ކުރަން ނިންމިއިރު 2016 ވަނަ އަހަރު ރާއްޖެ ވަނީ ކޮމަންވެލްތުން ވަކިވެފައެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮމަންލެތާއި ރާއްޖެ އަލުން ގުޅުމަށް ވަނީ ނިންމާފައެވެ.

ކޮމަންވެލްތުން ރާއްޖޭގެ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށް ނިންމި ނިންމުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕްޓްރީސިއާ ސްކޮޓްލޭންޑް ވިދާޅުވީ އިންތިޚާބުގައި ކަންތައްތައް ހިނގާ ގޮތުން ރާއްޖެ އިން ކޮމަންވެލްތުން ގަބޫލުކުރާ އުސޫލުތަކާއި ހަމަތައް ހިފަހައްޓާ މިންވަރު ދެނެގަނެވެނެ ކަމަށެވެ.

އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ ވަފްދު ރާއްޖެ ވަޑައިގަންނަވާތީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ކޮމަންވެލްތުގެ ވަފްދު ރާއްޖެ އިން ފުރައިވަޑައިގަންނަވާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުން އިލެކްޝަންސް ކޮމިޝަނަރާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، މީޑިއާ އަދި ސަލާމަތީ ބާރުތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންވެލްތުން ވަނީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި، 2009 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބާއި 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި، 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބު އޮބްޒާވް ކޮށްފައެވެ.