ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ، އިރުތިޝާމް އާދަމް، ހުޅުމާލޭގައި ދިރިއުޅުއްވާ އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގަވައިފިއެވެ.

ހުޅުމާލޭގައި ހިންގި މި ހަރަކާތާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އިރުތިޝާމްގެ ކެމްޕެއިން ޓީމުގެ ފަރާތުން ވިދާޅުވީ، ޒިޔާރަތް ކުރެވުނު ގޭގޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ތިއްބެވީ، އިރުތިޝާމާއި އެކު ކަމަށާއި، ދާއިރާއަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަމަށެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އަށް އިރުތިޝާމް ހޮވަން ޖެހޭ ސަބަބުތައްވެސް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދެއްވާފައިވާނެ ކަމަށްވެސް ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއްވިއެވެ.

ހުޅުމާލޭގައި ހިންގި ކެމްޕެއިން ހަރަކާތުގެ ތެރެއިން

"އިރުތިޝާމް ހޮވަން ޖެހޭ މައިގަނޑު ސަބަބަކީ، ތަޢުލީމީ، ޤާބިލް، ހިންގުންތެރި، އަދި ނަތީޖާ ޙާޞިލްކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާނެ ކެނޑިޑޭޓަކަށް ވާތީ. ރައީސް މަޢުމޫނު، ރައީސް ނަޝީދު، ރައީސް ވަޙީދު، ރައީސް ޔާމީންގެ ސަރުކާރުންވެސް އެކަމަނާގެ ޚިދުމަތް ބަލައިގަނެ އަގުވަޒަންކޮށްފައިވާތީ. ލަންޑަން، ޖެނީވާ، ނިއުޔޯކް މިޝަން އަދި ސަރުކާރުގެ އެކި ވުޒާރާތަކުގައި ވޭތުވެދިޔަ 25 އަހަރު ނަޒާހަތްތެރިކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާތީ." އިރުތިޝާމްގެ ކެމްޕެއިން ޓީމުގެ ފަރާތުން ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތަސް، އަދި ކޮންމެ ފިކުރަކާއި އެކުވެސް އެ ކަމަނާއަށް މަސައްކަތް ކުރެވޭނެ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލިސް ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މިއަދާއި ހަމައަށް އައިއިރު ކޮރަޕްޝަންގެ އެއްވެސް ތުޙުމަތެއް އެކަމަނާގެ މައްޗަށް ކުރެވިފައިނުވާ ކަމަށް، ކެމްޕެއިން ޓީމުގެ ފަރާތުން މަޢުލޫމާތު ދެެއްވިއެވެ.

"ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ހެންވޭރުގެ ބައެއް ގެތަކަށް ކުރެވުނު ޒިޔާރަތުން، ފެނި އިޙްޞާސް ކުރެވުނީ ހެންވޭރުގެ ރައްޔިތުންގެ ޒަރޫރަތްތައް ނުފުދިފައިވާ މިންވަރު. ޙާއްޞަގޮތެއްގައި ހެންވޭރު ދެކުނުގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަން. ޒުވާނުން އަދި އަންހެނުންގެ ތަރައްޤީއާއި ކުރި އެރުން ބޭނުންވާ މިންވަރު. ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމުގެ މުޙިއްމުކަން އިޙްޞާސްކުރެވުނު ހިނދު ބޭނުންވީ ދާއިރާއަށް ބަދަލެއް ނެގެސް ޚިދުމަތް ކުރަން." އިރުތިޝާމްގެ ކެމްޕެއިން ޓީމުގެ ފަރާތުން ވިދާޅުވިއެވެ.

އިރުތިޝާމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ދާއިރާގެ ރައްޔިތުންނަށް، ރޭ ވަނީ ޖާފަތެއްވެސް ދެއްވާފައެވެ. އިތުރިޝާމްގެ ކެމްޕެއިންގެ އެކި އެކި ހަރަކާތްކުގައި ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ ކަން ފާހަގަކޮށްލެވެއެވެ.

އިރުތިޝާމް ވަނީ ވޭތުވެދިޔަ 25 އަހަރު އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަށްކުރައްވާފައެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި، ހެލްތު މިނިސްޓަރ ކަމުގެ މަޤާމާއި، ޔޫތު މިނިސްޓަރ ކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.

ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.