ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އަލީ ހަމީދު ހައްޔަރުކުރީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި އެކަމަށް ރިޝްވަތު ހިފުމުގެ ތުހުމަތުގަ އެވެ.

ދައުލަތުން ވަނީ އަލީ ހަމީދުގެ މައްޗައް ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ ކޮށްފައެެވެ.

އަލީ ޙަމީދު ހައްޔަރުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހު ނިމުމަކަށް އަންނާނެއެވެ. ލަފާކުރެވޭ ގޮތުގައި އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދިނުމަށް ދައުލަތުން ކޯޓުގައި އެދޭނެއެވެ.

މި މައްސަލައިގައި، އަލީ ޙަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ މީގެ ކުރިން ކނހ (އެސްއޯއީ)ގެ ދަށުން ހައްޔަރުކޮށްފައެވެ.

އަލީ ޙަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހައްޔަރު ކުރީ މިދިޔަ މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ.