މި ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަކަށާއި ނިކަމެތިވާނެ ގޮތަކަށް ކަމެއް ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެންބަރު ހުސެއިން ވަހީދުގެ ކެމްޕޭން އިވެންޓެއްގެ ތެރެއިން އެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ ފޯކައިދު އަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ އިރު، ރައްޔިތުންގެ ހައްގުތަކެއް އުނިކޮށް، ރައްޔިތުންނަށް ބިރު ދައްކާފައިވާ ކަމަށެވެ.

އެގޮތުން، އަނިޔާވެރިކަމާއި ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތެދުވެރި، އަމާނާތްތެރި، ހިތްތިރި ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން، ތައުލީމީ ދާއިރާ އަށް މި އަހަރު 3.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އިރު، ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެތައް ކަމެއް ފުއްދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ބޮޑު ކުރަން ހުށަހެޅި ބިލް ފާސް ކޮށްފައި ނުވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސަރުކާރަށް އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ކަންކަން ކުރުމަށް ގާނޫނީ ބާރު ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.