ޅ.އަތޮޅު މަޑިވަރުގައި މިހާރު ހަދަމުންދާ އެއާރޕޯޓަކީ ނައިފަރު ދާއިރާގެ މެމްބަރު، އަޙުމަދު ޝިޔާމްގެ ވަރަށް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ އިންތިޚާބާއި ގުޅިގެން، މާލޭގައި ދިރުއުޅުއްވާ އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިއުޕޯޓު ވިއު ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ނައިފަރު ދާއިރާއަށް ގެންނަން ބޭނުންވާ ކުރިއެރުމާއި ތަރައްޤީގެ ބައެއް ކަންކަން ގެނައުމުގައި އެ އަތޮޅުގައި އެއާރޕޯޓެއް އޮތުން މުޙިއްމު ކަމަށާއި، އެ ގޮތުން ޅ.އަތޮޅު މަޑިވަރުގައި މިހާރު ހަދަމުން އެދާ އެއާރޕޯޓަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި މިކަމުގެ ސަަބަބުން ވަޒީފާގެ އެތަށް ފުރުޞަތުތަކެއް މުޅި އަތޮޅަށް ހުޅުވިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އެއާރޕޯޓަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހުވަފެނެއް. ވަރަށް ބޮޑު އުންމީދެއް. ނައިފަރު ދާއިރާގެ އިތުރުން މުޅި އަތޮޅުގެވެސް ވަރަށް ބޮޑު އުންމީދެއް. އިޤްތިޞާދީ ގޮތުން، އަދި އިޖްތިމާޢީ ގޮތުން ކުރިއެރުން ތަކެއް ގެނުވާނެ ކަމެއް އެކަމަކީ. ފުރަތަމަ ފޭސް ގައި 1.2 ކިލޯމީޓަރުގެ ރަންވޭ އެއް އެޅިގެންގޮސް، ޑޮމެސްޓިކް އެއާރޕޯޓެެއްގެ ޚިދުމަތް ވީހާވެސް އަވަހަށް ދިނުމަށް އޭރުގެ ސަރުކާރުގެ ވިސްނުން ހުރީ. އަދި ދެވަނަ ފޭސް ގައި 2.4 ކިލޯމީޓަރ ގެ ރަންވޭ އެއް އަޅާގޮތަށް ހަމަޖެހިފައި އޭރު އޮތީ. އެހެންކަމަށްވާނަމަ، އިންޓަރނޭޝަނަލް އެރާޕޯޓެއްގެ ކުލަ ޖެހިގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެއާރޕޯޓުގެ ސަބަބުން ގިނަ އޮފީސްތަކެއް ދާއިރާ އަށް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ. އަދި ވަޒީފާ ނުލިބި ނުވަތަ ވަޒީފާތަކަށް ފައްކާ ނުވެ ތިބި ޒުވާނުންނަށްވެސް އިތުރު ފުރުޞަތު ތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އެއާރޕޯޓާއި ގުޅިގެން ގިނަ އޮފީސް ތަކެއް ޤާއިމުކުރެވިގެން ދާނެ. ނައިފަރާއި ވަރަށް ކައިރީގައި އެއާރޕޯޓު އެޅިގެން އެ ދަނީ. އިމިގްރޭޝަން އަންނާނެ. ކަސްޓަމްސް އަންނާނެ. އޭވިއޭޝަން ކޮމާންޑް އަންނާނެ. އަދި ޓިކެޓިންގ އޮފީސްތައް ޤާއިމުވެގެންދާނެ. މި ދައްކަނީ ހައްތަހާވެސް ވަޒީފާގެ ވާހަކަ. ދާއިރާގައި އެބަ ތިބި ގިނަ ޒުވާނުންތަކެއް ވަޒީފާ ނުލިބި. ނުވަތަ ދާއިރާގައި އެބަ ތިބި ފަޒީފާތަކަށް ފައްކާ ނުވެ ތިބި ޒުވާނުން. އެއާރޕޯޓުގެ ޒަރިއްޔާއިން މި ކަންކަން ޙާޞިލްވާނެ. ތަޢުލީމީ ދާއިރާއަށްވެސް ކުރިއެރުންތަކެއް އަންނާނެ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ފާހަގަ ކުރެވުނީ ނައިފަރު ދާއިރާގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔެއްގެ ލޯތްބާއި ތާއީދު ހޯދާފައިވާ ސިޔާސީ ޝަޙްސިއްޔަތެއްގެ ގޮތުގައެވެ. އައު ދައުރަކަށް ކުރިމަތިލައްވާފައިވާއިރު ޝިޔާމްގެ ހިތްވަރާއި އަޒުމް ވަރުގަދައެވެ. މިއަދުގެ ޒައާމަތާއެކު މަސައްކަތް ކުރުމަކީ ޝިޔާމް ދެކިލައްވާ ގޮތުގައި ޝިޔާމަށް އުދަގޫ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޝިޔާމްއަށް ލިބިފައިވާ އެންމެ ބޮޑު އުންމީދާއި ޔަގީން ކަމަކީ ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި ޝިޔާމްގެ އެންމެ އަރިހުގައި މަޖިލީހުގެ ތަޅަމުގައި އިންނެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ގައުމުގެ ހުންގާނުގައި ހުންނެވުމެވެ.