އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ގުޅިގެން، އިންތިޚާބީ ޝަކުވާ، ވޯޓުލާ ދުވަހާއި ހަމައަށް ހައިކޯޓަށް ހުށަހެޅޭނެ ގޮތަށް ނިންމައިފިއެވެ.

ހައިކޯޓުން ބުނެފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށްޓަކައި، ވޯޓުލާ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން، އެ ކޯޓު ހުޅުވިފައި ހުންނަ ގަޑިތަތައް ފިޔަވައި އެހެން ގަޑިއެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅުއްވައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށެ އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭނެ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުން ކަމަށް ހައިކޯޓުން ވިދާޅުވެއެވެ. އެގޮތުން މައްސަލަ ހުށަހަޅުއްވާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުއްވުމަށް ސަމާލުކަން ދިނުމަށްވެސް ހައިކޯޓުން ބުނެއެވެ.