ސިޔާސީ ޕާޓީތަކަށާއި، ކުރިޔަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށްވެސް ކްރެޑިޓަށް ޓިކެޓް ދޫނުކުރާ ކަމަށް، ޤައުމި އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިގޮތަށް ބުނެފައިވަނީ، އެ އެއާލައިނުން ލ. އަތޮޅު ގަމު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ވިސާމް (ސަމްޕަތު ވިސާމް) ގެ ސަޕޯޓަރުން ވޯޓް ލާ ދުވަހަށް ރަށަށް ގެންދިއުމަށްޓަކައި އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެން، މިއަދު އެ އެއާލައިނުގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވަނީ، ސިޔާސީ ޕާޓީއަކަށް ވެސް އަދި އެއްވެސް ކެންޑިޑޭޓަކަށްވެސް އެ ކުންފުނިން ކްރެޑިޓަށް ޓިކެޓެއް ނުދޭކަމަށެވެ. ނަމަވެސް މި ޓްވީޓާއި ގުޅިގެން މޯލްޑިވިއަން އިން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

"ސިޔާސީ ޕާޓީއަކަށްވެސް އެއްވެސް ކެންޑިޑޭޓަކަށްވެސް މިކުންފުނިން ކުރެޑިޓަށް ޓިކެޓެއް ނުދެން،" މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓުގައި ވެއެވެ.

ވިސާމްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވިސާމްގެ 70 ސަޕޯޓަރަކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި މާލެ އިން ކައްދުއަށް ގެންދިއުމަށް މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ މޯލްޑިވިއަން އިން މިފަދަ ކްރެޑިޓް ފެސިލިޓީއެއް ހޯދީ ރަށަށް ގެނެސްދޭ ކެންޑިޑޭޓަކަށް ވޯޓް ދޭނެ ކަމަށް ބައެއް މީހުން ބުނާތީ އާއި ވިސާމްގެ ވަރަށް ވަރުގަދަ ސަޕޯޓަރުން ވެސް މާލޭގައި ރަށަށް އާދެވޭނެ ގޮތެއް ނެތިފައި ތިބުމުންނެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވެސް ވަނީ މިހަފްތާގައި ލ. އަތޮޅަށް ވަޑައިގެން އެމްޑީޕީގެ ކެމްޕޭންގައި ބައިވެރިވެފައެވެ. އެމްޑީޕީ ކެންޑިޑޭޓުން ގަމާއި ފޮނަދޫން އިންތިޚާބު ކޮށްފިނަމަ 30 ޒުވާނުންނަށް ވަޒީފާ ދޭނެ ކަމަށްވެސް އޭނާ ވަޢުދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ޙުސައިން

    މިހާރު އޭސީސީ ވެސް ނިދާފަ. އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން މިއީ އޭސީސީން ބަލައި ފިޔަވަޅު އަޅަންޖެހޭ ޞަރީޙަ ކޮރަޕްޝަން