ދިވެހި ރައްޔިތުންނަށް އަދުލުވެރި އިންތިޚާބެއް ހޯދައިދިނުމަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަށާއި އެކަމަށް ޕާޓީތަކުން ފުރުސަތު ދޭންޖެހޭކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ ހިތަދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޢަލީ ވިދާޅުވީ ޕާޓީތަކުން ދުސްތޫރީހަމަތައް ކުރިއަރުވާ ސުލޫކީ މިންގަނޑު ހިފަހައްޓަންޖެހޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވިއިރު މިރޭ ބޭއްވި ބައްދަލުވާ ދިމާކޮށް ކައިރީގައި ހުރި އެމްޑީޕީ ޖަގަހައިންދިޔައީ އަޑުހަރުކޮށް އެކިއެކިއަޑުތައް އިއްވަމުންނެވެ. އެކަމަށް އިޝާރާތްކުރައްވާ ޢަލީ ވިދާޅުވީ ކެންޑިޑޭޓުން ދައްކަންޖެހޭނީ ސުލޫކީ ރީތި ގޮތްކަމަށާއި އެއްބަޔަކުގެ ކެންޕެއިނަށް އަނެއްބަޔަކު އުދަނގޫކުރުމަކީ ހުތުރުގޮތެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ކުރިއަރުންވަންޖެހޭނީ ދުސްތޫރީ ރީތި އުސޫލުތައް. އެއްޖަގައިން ކުރާ ކެންޕެއިނަށް އެނެއްޖަގަހައިން އުނދަގޫކޮށް ކުރުމަކީ ހުތުރު ގޮތެއް. އެފަދަ ކަންކަމަށް ކެންޑިޑޭޓުން ހިތްވަރު ދީގެންނުވާނެ" ޢަލީ ވިދާޅުވިއެވެ.

މިގޭ ބައްދަލުވުމުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ އަނީސް ބައިވެރިވެވަޑައިގެން ޒުވާނުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކުރައްވާނެކަމަށް ވިދާޅުވިއެވެ. ބައްދަލުވުމުގައި ޢަލީ ވިދާޅުވީ ޒުވަނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވެފައިނެތް ކަމަށާއި އެދާއިރާގެ ހާލަތު އޮތީ މީގެ 25 އަހަރުކުރީގެ ހާލަތުގަކަމަށެވެ. އަދި މަސްތުވާތަކެތީގައި ޒުވާނުންޖެހެމުންދާ ދިއުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްނުކުރަނީ ރާވައިގެން ޒުވާނުން އެކިކަންކަމުގައި ބޭނުންކުރަންކަން ފާހަގަކުރެެއްވިއެވެ.

އަޅުގަނޑު ދަންނަވާނީ މަސްތުވާތަކެތީގައި ނުޖެހި ރަނގަޅު ޒުވާނެއް ބިނާ ކުރުމުގެ ހުރިހާ ދޮރެއް މިދާއިރާގައި މިއޮތީ ބަންދުކޮށްފަ. މީހަމަ ރާވައިގެން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްނުކޮށް ޒުވާނުން ހަރާބުކުރަން ކުރާ މަސައްކަތް. އޭމީހުން އެކިކަންކަމުގައި ބޭނުންކުރަން ޕްލޭންކޮށްގެން ކުރާކަންކަން. އަޅުގަނޑު އެޒުވާނުންނަށް ދަންނަވާނީ ހާސްނުވާށޭ، އަޅުގަނޑުމެން ތިޔަ ޒުވާނުން ޒިންމާދާރު މީހުންނަށް ހަދާ، ތިޔަ ޒުވާނުންނަށް ބޭނުންވާ ޤާނޫނީ އެހީ ފޯރުކޮށްދޭނަމޭ" ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ޢަލީވަނީ 19 ވަނަ މަޖިލީހަށް ހުށެހެޅޭ މުހިއްމު ބިލުތައްކުގެ މުހިއްމުކަމަށް ފާހަގަކުރައްވާ އެބިލްތަކުގައި ރައްޔިތުންގެ އަޑު އިއްވާނެ މެންބަރަކު މުހިއްމުކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހީވާގި، ހެނދުނު މަޖިލީހަށް ހާޒިރުވެވޭނެ މެންބަރަކު ހުރުން މުހިއްމު ކަމަށާއި ނޫން ނަމަ އެމަޖިލީހުގެ ތެރެއިން ފާސްވެގެން އަންނާނީ ރައްޔިތުންނަށް ގެއްލުންވާ ޤާނޫނުތަކެއްކަމަށެވެ.

ދަންނަވަންތޯ، ހީވާގި، ހެނދުނު މަޖިލީހަށް ހާޒިރުވެވޭނެ މެންބަރަކު ތިބޭފުޅުންނަށް ހައްޤު. ދާއިރާގެ ރައްޔިތުންގެ ހައްޤު ކަށަވަރުކުރެވޭނެ ރައްޔިތުންގެ ހައްޤުގައި ވާހަކަ ދައްކާނެ މީހަކު ނެތި 19 ވަނަ މަޖިލީހުން ފާސްކުރާ ބިލުތަކުން ތިޔަބޭފުޅުންނަށް ގެއްލުންވާނެ. އެކަން އަޅުގަނޑުމެންނަށް 18 ވަނަ މަޖިލީހުން ފެނިއްޖެ. އެކަންތަކުރާރު ވިޔަ ނުދެއްވާ" ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ވޯޓު ގަތުމަށް މީހުން ކުރާ މަސައްކަތައް ނޫނެކޭ ބުނެ އަދުލުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންނެވިއެވެ.

"ބަޔަކު މީހުން ހީކުރަނީ ދެ ގަނޑު ތަށިމުއްޓާ ތިން ގަނޑު ޓިނަށް ނުވަތަ 1500ރުފިޔާއަށް މި އިންތިޚާބު ވަގައްނެގިދާނެ. އެކަމަކު އަޅުގަނޑަށް ޔަޤީން މިދާއިރާގެ ރައްޔިތުން އެއަށްވުރެ މާހޭލުންތެރި އަދި މާ ތާޢުލީމީ. ތިޔަ ބޭފުޅުން އެގޮތަށް ފައިސާކޮޅަކަށް ނުވަތަ ޓިނުކޮޅަކަށް މި އިންތިޚާބު ވިއްކާނުލާނެކަން ކަށަވަރު. އެފަދަ ފުރުސަތެއް ނުދެއްވާތި. ތިޔަ ބޭފުޅުން އެފަދަ މީހުންނަށް ދެއްވަންވާނީ ވަރުގަދަ މެސެޖެއް. އެއީ ތިޔަ ބޭފުޅުން ގަނެ ނުލެވޭނެކަން. ތިޔަ ބޭފުޅުންނަކީ އަގު ކަނޑައެޅޭނެ ބައެއް ނޫންކަން" ޢަލީ ވިދާޅުވިއެވެ.

އަލްއުސްތާޛު ޢަލީ އިބްރާހީމްއަކީ ހިތަދޫ އުތުރު ދާއިރާއަށް އުފަން އެދާއިރާގެ ޤާނޫނީ ވަކީލެކެވެ. އަދި މިހާރުވެސް ޤާނޫނީ އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދެއްވާ ބޭފުޅެކެވެ.