މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ އުފެއްދުންތައް ދައްކުވައިދޭ "އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ. މާފުށީ ސްކޫލްގައި ކުރިއަށްގެންދާ މިފެއަރގައި 43 ގައިދީންގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ.

މީގެއިތުރުން ފަސް އޮފިސަރުން ވަނީ އުފެއްދުންތައް ތައްޔާރުކުރުމުގައި ބައިވެރިވެފައެވެ. މި ފެއާގައި ހާހަކަށްވުރެ ގިނަ އައިޓަމްތައް ހިމަނާފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން، ކުރެހުމެވެ. މީގެ އިތުރުން ތަފާތު އެކިވައްތަރުގެ ބަގީޗާ ގަސްތައްވެސް ފެއަރގައި ވަނީ ބައިވެރިކޮށްފައެވެ. މިތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ގައިދީންގެ އުފެއްދުންތައް ދައްކައިދޭ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ގައިދީންގެ އުފެއްދުންތެރިކަން ދައްކާލުމަށްޓަކައި ބޭއްވި މި ފެއާއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ރައީސްގެ އަރިހުގައި މާފުއްޓަށް ވަޑައިގެން އެތަނުގައި ހުރި އައިޓަމްތައް ބައްލަވާލެއްވިއެވެ. ފެއަރ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން ޤައިދީންގެ މަސައްކަތްތައް ބައްލަވާލައްވާކަމީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ރައީސް އަށް ޢިމްރާން ޝުކުރުއަދާކުރެއްވިއެވެ.

ގައިދީންގެ އުފެއްދުންތައް ދައްކާ މައުރަޒުތައް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދެއެވެ. ޖަލުގައި ޤައިދީން ހޭދަކުރަމުންދާ މުއްދަތުގައި އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީނު އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޞަދީޤާ

    ޤައިދީންނަކީ އުފެއްދުންތެރި ، މަސައްކަތްތެރި ، އާމުދަނީ ލިބޭ ބަޔަކަށް ހެއްދެވީ ރައީސް ޔާމީންއެވެ. ދެން އަތްބާނާ! އަދި މި ފެންނަނީ މުޅިންވެސް ރައީސް ޔާމީންގެ މަސައްކަތްތަކަށް އަތްބާނާ މަންޒަރެވެ.

    2
    2