ގިނައަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ22:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ މީހުން ގެންގުޅުނު ކަޅު ކޮތަޅެއްގެ ތެރެއިން 48 ބަނގުރާ ދަޅު ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ދެ މީހުންނަކީ އެ ބަނގުރާ ދަޅުތަކާއި ހަވާލުވުމަށް ޑިންގީ ދޮށަށް ދިޔަ ދެ މީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ އަތުން ބަނގުރާ ދަޅުތައް ފެނިގެން ހައްޔަރުކޮށްފައި ވަނީ ޑިންގީއިން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާއި ހަވާލުވުމަށް އެ ސަރަޙައްދަށް ގޮސް އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާންއުޅުމުގެ ތެރޭގައި ކަމަށެވެ.

އަދި މި ދެ މީހުންގެ ހުއްޓުވަން އުޅުނު ފުލުހަަކަށް އެކަކު ހަމަލާދީފައިވާކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ،

މި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައެވެ.

މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާދަނު

    ޙެ ހެ ތީއާންމުކަމެތް ސަފާރީތަކުން ބޭނުންވަރަކަށް ރާބާލާ ހުޅުމާލެޔައް ސަފާރީގެނަމުގަ ބާހަދައިގެން ރާނަގާފަ ހުޅުމާލެޔައް ސަޕުލައިކުރާ ސަފާރީ އެބަހުރި ހުޅުމާލެ ފަޅުތެރޭގަ އަޅާފަ ހުޅުމާލެޔައް ރާބޭލުންނުހުއްޓުވޭނެ ހުޅުމާލެފަޅުތެރެއިން ސަފާރީތައްދުރުނުކޮށެއް ހުޅުމާލެޔައް އެންމެގިނައިން ރާ ސަޕްލައިކުރަނީސަފާރީތަކުން ފުލުހުންނަށް އަތު ވަނީ ލައްކައަކުން 10ފުޅި

    15
    1
  2. Juhaa

    އެމީހުން ބުނާނެ ކޮތަޅުގައި ހުރީ ކޮން އެއްޗެއް ކަމެއް ތިމަންމެން ނުދެނަހުރީމޭ. ދެން ފަނޑިޔާރު ނިންމާނެ އެމީހުންގެ ކުށެއް ނެތްކަމަށް. މަސްތުވާ ތަކެތި ހުރި ފޮށިގަނޑެއް ބަލާ ދިޔަ ބަޔަކު ވެސް އެގޮތަށް ދޫކޮށްލި ވާހަކަ އަޑުއެހިން.

    10
    2
  3. ހޯރަ

    ރީންދޫ ވަކީލަކު ދުއްވާގަނެބަލަ މި ދެމީހުންގެ ފަހަތުން ހައްގު ހޯދަ ދޭން، މުޅިން ކުއްވެރިން ހިމާޔަތުގައި ގިނަ ވާނީ އެކަހަލަ ވަކީލުން

    5
    1