މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމަލު ކުރަން ޖެހޭނެ އުސޫލު އާއްމުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން މިއަހަރު އެކުލަވާލި އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ޕްރޮޕޯސަލްފޮތާއި ފްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް ބޭނުންވާ މައޫލޫމާތުތައް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ފީ ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފީއަކީ ދިހާހާސް ރުފިޔާއެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައިވާގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުންޏަކަށްވެސް ވާންޖެހެއެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ޙުއްދަ ލިބޭ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން ދިހަ ދުވަހުގެ ތެރޭގައި ޙައްޖަށް މީހުން ގެންދަން ކޯޓާ ލިބޭ އަދަދުގެ ނިސްބަތުން ބޮލަކަށް ނަގަން އެ ކުންފުންޏަކުން ހުށަހަޅާ އަގުގެ 25 އިންސައްތަ އަށްވާ އަދަދުގެ ޕަރފޯމަންސް ގެރެންޓީއެއް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ.

މިދިޔަ އަހަރު ރާއްޖެއިން ހައްޖަށްމީހުން ގެންދިޔުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުކޯޕަރޭޝަނާއެކު ފަސް ކުންފުންޏަކަށް ހުއްދަ ދިނެވެ.