ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްގެ މައްޗަށް ދައުވާ ކުރާ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އެެދެބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އަރީފްގެ ބަންދުގެ މުއްދަތު އިތުރު މިކުރީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެންނެވެ. ފުރަތަމަ އަރީފް ކޯޓަށް ހާޒިރު ކުރީ އިއްޔެ އެވެ. ނަމަވެސް ބަންދާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތް ކުރިއަށް ނުގެންގޮސް ވަނީ ދޫނިދޫ އަށް ގެންގޮސްފައެވެ.

އެއަށް ފަހު މިއަދު ހެނދުނު ވެސް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް ފަހުން ވަނީ ޝަރީޢަތް ކެންސަލް ކޮށްފައެވެ. އޭގެ ފަހުން އަނެއްކާ މިއަދު ހަވީރު ކޯޓަށް ހާޒިރުކޮށް މިރޭ ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

އަރީފް އާއި ނަދީމްގެ މައްޗަށް ވެސް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ. ދެބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގާސިމޫ

    އަރީފަކަށް އެކަންޏެއް ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ކުރާކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އޭނާގެ ފަހަތުގައާއި ކުރީގައި ބަޔަކު ތިބޭނެ. އޭނާ ނެގި އޮޕަރޭޝަން ޓީމަށް ވެސް އެގޭނެ އެމީހުންނަކީ ވެސް މިކަމުގައި ބައިވެރިން ކަމުގައި ނުވެ ނުދާނެ.