ސްރީ ލަންކާގައި އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ، އިމިގްރޭޝަންގެ އިސްވެރިންނާއެކު އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ.

ކޮންޓްރޯލަރ އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނާއިއެކު ބޭއްވި މި ބައްދަލުވުމުގައި ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކާއއި ގުޅިގެން ބޯޑަރ ކޮންޓްރޯލްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ނަމަވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތަފްސީލު ދީފައެއް ނުވެއެވެ.

ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. އިއްޔެ އިން ފެށިގެން ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި، މާލޭގެ ހުރި ހޮޓާތަކާއި އެނޫންވެސް ބައެއް ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރެވޭ ކަންކަން ބަލައި ސެކިއުރިޓީ ވަރުގަދަ ކުރަމުން އަންނަކަމަށްވެސް ފުލުހުންނާއި ސިފައިން އިއްޔެ ވިދާޅުވިއެވެ.

ލަންކާގައި ދިން ހަމަލާތަކުގައި ދިވެހިންގެ ބައިވެރިވުމެއް އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް އެޖެންސީން މިއަދު ވެސް ވިދާޅުވީ ލަންކާގައި ދިން ހަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

ލަންކާ ސަރުކާރުން ވެސް ވަނީ އެހަމަލާތަކުގައި ގައުމުން ބޭރުގެ ބަޔަކު ބައިވެރިވި ކަމުގެ ހެކި އަދި ނެތް ކަމަށް ބުނެފައެވެ.

ސިފައިންނާއި ފުލުހުން އިއްޔެ ވިދާޅުވީ ބައިނަލްއަޤްވާމީ ސަލާމަތީ މުއައްސަސާތަކާ ގުޅިގެން ރާއްޖެއަށް ލިބެންޖެހޭ މަޢޫލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަތު

    މި ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް ޢެއާރޕޯޓް ތަކެއް ހުޅުވިފަ ހުއްނާތީ ނުހަނު ކަނބޮޑުވޭ ޚާއްސަކޮށް މާފަރު އެއާރ ޕޯޓް ފަދަ ބޮޑެތި އެއާރޕޯޓް ތައް
    ފްލައިޓް ގަޑި ތަށް ފިޔަވާ އެހެން ގަޑި ތހަކުގަ
    ޢެއާރ ޕޯޓް މަތީގަ ފްލައިޓެއް ނުޖެއްސޭ ގޮތައް ފީފާ ނަމަވެސް އަރުވާފައި ބެހެއްޓުން ވަރައް މުހިއްމު ގައުމުގެ ސަލާމަތައި ބެހޭ އިދާރާ ތަކުގެ
    ސަމާލު ކަމައް މިކަން ހަނދުމަ ކޮށްދެން

    1
    1