މިދިޔަ ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަށް ޗައިނާ ވެއްޖެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. ކޮވިޑް-19އާ ގުޅިގެން ޗައިނާ ހުޅުވާލި ފަހުން، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ ހިފަހައްޓަމުންނެވެ.

މިގޮތުން އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކަށް ޗައިނާ ވަނީ ވެފައެވެ. މިދިޔަ މަހު 17،028 ޗައިނާ ފަތުރުވެރިން ރާއްޖެ އައިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި އިންޑިއާއިން އައިސްފައި ވަނީ 16،532 ފަތުރުވެރިންނެވެ. އަދި އެ ލިސްޓުގެ ތިން ވަނައިގައި އޮތް ރަޝިޔާއިން އައިސްފައި ވަނީ 14،608 ފަތުރުވެރިންނެވެ.

މިދިޔަ މަހު ރާއްޖެއަށް 120،363 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މަހާއި އަޅާކިޔާއިރު، %8.5ގެ ކުރިއެރުމެކެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4،012 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ މަހު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން އައިސްފައި ވަނީ 5،730 ފަތުރުވެރިންނެވެ.

މި އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 943،880 ފަތުރުވެރިން އައިސްފައި ވެއެވެ.