ރާއްޖޭގެ އަސާސީ ހައްގުތައް ހޯދައިދިނުމަށާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުބާރެއް ލިބިއްޖެ ކަމަށް އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޝޯކޯ ނޯޑާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައި، އެކަމަނާ ވަނީ މިއަދު ރައީސާ ބައްދަލު ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އެން.ޑީ.ޕީ. އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި މިސް ޝޯކޯ ނޯޑާ ވަނީ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމީޔާބީއަށާއި، ނިމި ދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް މި ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުޢީ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން، މިސް ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައިކަން ފާހަގަކުރައްވައި ރާއްޖެއާއިމެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް ހާމަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން ނ

    މިދިޔަސާޅީހަކަށް އަހަރުގައިދިވެހިންގެ
    އަސާސީހައްޤައްއުނިކަމެއް އައިސްފައެއް
    ނެތް ޝޯކޯތިވިދާޅުވާ މިނިވަންކަންދެއް
    ވަންއުޅުއްވީ ނަޝީދުގެވެރިކަމުގައި އެ
    މަނިކުފާނު އެކަމަކުދިވެހިރައްޔަތުން އެ
    ނުދިން ޖޯކޯ ތިއެދޭ މިނިވަންކަން މި
    ސަރުކާރައް ވެސް ހޯދައެއް ނުދެވޭނެ

    19
    1
  2. ހަސަން ނ

    ޖޯކޯ ތިއެދޭ މިނިވަންކަން ދިވެހިންނުދޭނެ

    21
    1
  3. ހަސަން ނ

    މިދިޔަސާޅީހަކަށް އަހަރު ދިވެހިންހައްޤަށް
    އުނިކަމެއް އައިސްފައެއްނެތް،އެކަމަކު ޝޯކޯ އެވިދާޅުވިމިނިވަންކަ ނަޝީދު ދެއްވަންއުޅުއްވި

    23
    2
  4. ބެއްޔާ

    އެބުނަނީ ލާދީނީ ފިކުރުގެ ވާހަކަ

  5. ޔޫއެން

    ޝޯކޯ އަށްވަނީ ވަރައްބޮޑަށް އޮޅިވަޑައިގެންފަ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލުވަނީ ނަގާލާފަ. އިންޑިޔާއަށް އަޅުވެތިކޮށްފަ. ސާލިހުގެ ކަރެޕްޝަން މަޖްލިސްއިންތިހާބުގަވަނީ ދައްކާލާފަ.